އެމެރިކާއިން ހޯދަމުންދިޔަ ހެކަރެއް ކަމަށް ބުނާ ރޯމަން ވެލެރިކް ސެލެޒްނޯފް ހައްޔަރުކޮށް ރާއްޖެއިން ފޮނުވާލި މައްސަލައިގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް، ސްރީ ލަންކާގައި ހުންނަ ރަޝިޔާ އެންބަސީގެ އިސްބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ، ރަޝިޔާގެ ރައްޔިތެއްކަމަށްވާ ވެލެރެވިކް ސެލެޒްނޯފް މި ޖުލައި މަހު ފަސް ވަނަ ދުވަހު އިންޓަޕޯލްގެ ރެޑް ނޯޓިސްއަކަށް ހައްޔަރުކޮށް، ރާއްޖެއިން ފޮނުވާލި މައްސަލަ ހިނގާފައިވާ ގޮތުގެ މައުލޫމާތު ރަޝިޔާ އެމްބަސީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ފޮރިން މިނިސްޓަރާއި އެޓާނީ ޖެނެރަލް މިއަދު ވަނީ ސާފުކޮށްދެއްވާފައި ކަމަށެވެ.

ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ދިވެހި ސަރުކާރުން ވަނީ، ވެލެރެވިކް ސެލެޒްނޯވް ހައްޔަރު ކުރުމުގައި ދިވެހި ރާއްޖެއިން އަމަލު ކޮށްފައިވަނީ މީގެ ކުރިންވެސް އިންޓަޕޯލުގެ ރެޑްނޯޓިސް ތަކަށް ރާއްޖެއިން އަމަލުކުރަމުން ގެންދާ އުސޫލުންކަމަށް ބަޔާންކޮށް އޭގެ ތަފްސީލު ދެއްވައިފައެވެ. އަދި އޭނާ ފޮނުވާލުމުގައި ކަން ހިނގައިދިޔަ ގޮތާމެދު ރަޝިޔާ ސަރުކާރުން ސާފުކުރަން ބޭނުންވި މައުލުމާތުތައް ފޮރިން މިނިސްޓަރާއި އެޓާނީ ޖެނެރަލް ސާފުކޮށްދެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ދުންޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ރަޝިޔާ އާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި، އެ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތް ކުރައްވާކަމަށް ވިދާޅުވި އެވެ.

ރާއްޖެއާއި ރަޝިޔާ އާ ދެމެދު އޮންނަ ގުޅުމަކީ، ސެލެޒްނޯފް ފޮނުވާލި މައްސަލަފަދަ މައްސަލައެއްގެ ސަބަބުން، މަގުން ކައްސާލައިގެން ދާވަރަށްވުރެ ވަރުގަދަ، އަދި ދެގައުމަށްވެސް ފައިދާ ކުރަނިވި ގުޅުމެއްކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ކުރިމަގުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް އެކުލަވާލުމާ ގުޅޭގޮތުންވެސް މިއަދުގެ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިއްޔެ ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ވަފުދެއް ވަނީ ލަންކާގައި ހުންނަ ރަޝިޔާ އެމްބަސީގެ އޮފިޝަލުންނާ ބައްދަލުކުރައްވައި "އިންޓަޕޯލް ރެޑްނޯޓިސްގެ ދަށުން ފޮނުވާލި ރަޝިޔާ މީހާގެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވާފަ" އެވެ.

ރާއްޖޭގައި ހައްޔަރުކޮށް އެމެރިކާއާ ހަވާލުކޮށްފައިވާ ހެކަރަކީ ރަޝިޔާ ޕާލަމެންޓް މެމްބަރެއްގެ ދަރިއެކެވެ. އޭނާ ހައްޔަރު ކުރި މައްސަލައިގައި ރަޝިޔާ އިން ކުރިން ވަނީ ރާއްޖެއާ މެދު ނުހުރުން ފާޅުކޮށްފަ އެވެ.