11 Jul 2014, 22:15
ޖެނީވާ (އޭޕީ) — އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް މިހާރު ދެމުން ގެންދާ ވައިގެ ހަމަލާތައް އާންމު ރައްޔިތުންނަށް އަމާޒުކުރަމުންދާތީ، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ފުށުއަރާ ކަމެއް ކަމަށާއި އިންސާނީ ހައްގުތަކަށް އަރަގަތުން ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްއޮފިޝަލު ވިދާޅުވެއްޖެ އެވެ.
އދ.ގެ އިންސާނީ ހައްގުތަބެހޭ ހައިކޮމިޝަނަރު ނަވީ ޕިއްލޭ ވިދާޅުވީ، އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއިން ރޮކެޓް ހަމަލާދޭ ކަމަށް ބުނާ ސައިޓްތަކާއެކު 1100 ތަނަކަށް ހަމަލާދީ، ޣައްޒާގެ ހަނގުރާމަވެރިން އިސްރާއީލުގެ އަސްކަރިއްޔާއާ ދެކޮޅަށް 550 ރޮކެޓް ހަމަލާ ދީފައިވާއިރު ދެފަރާތުގެ ހަމަލާތައް ބައިނަލްއަގްވާމީ ގާނޫނުތަކުން ބޭރަށް ގޮސްގެން ނުވާނެ ކަމަށެވެ.
"އާންމުންގެ ގެދޮރަށް ދޭ ހަމަލާތަކުގެ ސަބަބުން އެތަކެއް ބައެއްގެ ފުރާނަ ނެތިގެންދާއިރު އޭގެތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އާންމު ރައްޔިތުން ކަމުގެ ހިތްދަތި ހަބަރުތައް އަހަރެމެންނަށް ލިބެމުން މިދަނީ،" ޕިއްލޭ ވިދާޅުވި އެވެ. "އެފަދަ ރިޕޯޓުތަކުގެ ސަބަބުން އިސްރާއީލުން ދެމުން އެ ގެންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާއި، އިންސާނީ ހައްގުތަކުގެ ގާނޫތަކަށް އަރައި ނުގަނެ ދެވޭ ހަމަލާތަކެއް ކަމާމެދު ސުވާލުއުފެދޭ."
ޕިއްލޭ ވިދާޅުވީ، ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ވައިގެ ހަމަލާތައް ކުޑަކުދިންނާއި އާންމުންނަށް އަމާޒުކުރަމުން ދާއިރު އެ ހަމަލާތަކުގެ ބިރުވެރިކަން އަމިއްލައަށް ވެސް އިހްސާސް ކުރެވޭ ކަމަށެވެ.
"އިސްރާއީލް، ޣައްޒާ އަދި ފަލަސްތީނުގެ ހަނގުރާމަވެރި އެހެނިހެން ޖަމާއަތްތަކުން ވަނީ މީގެ ކުރިންވެސް މި މަގު އިހްތިޔާރުކޮށްފައި. އެކަމަކު އާހިރުގައި ނަތީޖާއަކަށް ވެގެން މިދަނީ، މަރާއި، ލޭއޮރުވުމާއި، ފަނާކުރުމާއި އެކު މައްސަލައަށް އެއްވެސް ހައްލެއް ނުލިބި ދިގުދެމިގެން ދިއުން،" ޕިއްލޭ ވިދާޅުވި އެވެ.
ހަނގުރާމައިގައި އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ދިނުމަކީ، ބައިނަލްއަގްވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނާ ހިލާފު ކަމެކެވެ. އަދި ކުރިން އަސްކަރީ ބޭނުމަކަށް ބޭނުންކޮށްފައިވާ ގެއަކަށް ހަމަލާ ދޭއިރުވެސް ހަމަލާ ދިނުމުގެ ކުރިން އެއީ މިހާރުވެސް އެފަދަ ތަނެއްކަން ކަށަވަރު ކުރަން ޖެހެއެވެ.