ޖެރޫސެލަމް (އޭޕީ) - އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި ބައިނަލްއަގްވާމީ މުޖުތަމައުން ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް ފަހަތައްޖެހި ހަމަލާތައް ހުއްޓައި ނުލާނޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި އިސްރާއީލުގެ ނަތަންޔާހޫ ވިދާޅުވީ، ޣައްޒާއިން އިސްރާއީލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތައް އެއްކޮށް ހުއްޓައި ނުލަނީސް އިސްރާއީލުގެ ހަމަލާތަކަށް ކުޑަވެސް މަޑުޖެހުމެއް ނުގެންނާނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ ވާނީ، ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ "ރަނގަޅު މަޝްވަރާތަކެއް" ކުރައްވާފައި ކަމަށާއި އޭގެތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

"ބައިނަލްއަގްވާމީ ޕްރެޝަރެއްގެ ސަބަބުން އަހަރެމެންގެ ބާރުގެ ބޭނުން ހިފުން ހުއްޓުވައެއް ނުލެވޭނެ،" އިސްރާއީލުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ނަތަންޔާހޫ މިއަދު ވިދާޅުވީ، ވޭތުވެ ދިޔަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އިސްރާއީލުން ވާނީ، ޣައްޒާގެ 1000 ތަނަކަށް ހަމަލާދީފައި ކަމަށާއި އަދި އެއީ 2012 ވަނަ އަހަރު ދިން ހަމަލާތަކަށް ވުރެ ދެގުނަ ވަރުގަދަ ހަމަލާތަކެއް ކަމަށެވެ.

އިސްރާއީލުން މިހާރު ކުރިއަށް ގެންދާ ލާއިންސާނީ އުދުވާނުގައި ފަލަސްތީނުގެ 100އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނާއި އާންމު ރައްޔިތުންނެވެ.