ތަރާވިހު ނަމާދަށްފަހު ކުރާ ވިތުރީގެ ގުނޫތުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮދުއާ ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ އިމާމުންނަށް އަންގައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮދުއާކޮށްދިނުމަށް އިމާމުންނަށް އަންގައި ދިނުމަށް ހުރިހާ ކައުންސިލްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއާ އެކު ދުއާ އާއި އޭގެ މާނަ ވެސް ފޮނުވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ރަމަޟާން މަހު ދުއާ ކުރަން އެންމެ ރަނގަޅު ވަގުތަކީ ވިތުރީގެ ގުނޫތުގެ ތެރޭގައި ކަމަށާއި އަރަބިބަހުން ދުއާކުރުމަށް ގާބިލްކަން ހުރި އިމާމުންނަށް އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގަ ވެސް ގުނޫތު ކިއިދާނެ ކަމަށެވެ.

"މުސީބާތުގެ ވަގުތު ކިޔާ ގުނޫތު އެއީ. އެ ގުނޫތުގެ ތެރޭގައި ފަލަސްތީނު އަދި އެނޫންވެސް އިސްލާމީ ގައުމުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ހެޔޮ ދުއާ ކުރެވިދާނެ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރަށަކަށް އިއްޔެ ވަނީ ސާކިއުލާއާ އެކު ދުއާ ފޮނުވާފައި. އެއީ ތަރާވިހު ނަމާދުގެ ފަހުން އޮންނަ ވިތުރީގެ ގުނޫތުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮދުއާ ކޮށްދިނުމަށް އިމާމުންނަށް ދަންނަވައި ދިނުމަށް ކައުންސިލްތަކަށް އަންގާފައި."

މިނިސްޓްރީން އެފަދަ އެންގުމެއް ނޭންގިކަމުގައި ވިޔަސް ފަލަސްތީނާއި އަދި އެނޫންވެސް ހާލުގައި ޖެހިފައިވާ އިސްލާމީ ގައުމުތަކުގެ ރައްޔިތުންނަށް ދިވެހީން ހެޔޮދުއާ ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބައެއް ގައުމުތަކުން އެއްޗެއް ބުނަން ފަސްޖެހިފައި ވަނިކޮށް ދިވެހި ސަރުކާރު އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވައި ވަރަށް ސަރީހަކޮށް ރާއްޖޭގެ 'ސްޓޭންޑު' ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހާމަކުރައްވާފައި ވާތީ މިނިސްޓަރު ޝަހީމް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.