ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ލިބެމުން އެދާ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި ދިވެހި އެންމެހައި އަޚުންނާއި އުޚުތުން ހެޔޮ ދުޢާ ކޮށްދިނުމަށް އެމްޑީއޭ ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.

އިޒްރޭލުގެ އަމަލުތައް ހަރުކަށިކަމާ އެކު ކުށްވެރިކުރައްވައި އެމްޑީއޭގެ ލީޑަރު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުން މަރައި، މައިންނާއި ޅަދަރީން ވަކިކޮށް އެ ކުދިން ޔަތީމުކޮށް، މުޅި ފަލަސްތީނު ތަޅައި ސުންނާފަތި ކުރަމުން އިޒުރޭލުން އެ ގެންދަނީ، ބައިނަލްއަގްވާމީ އެންމެހައި އުސޫލުތަކާއި މުއާހަދާތަކާ ވެސް ޚިލާފަށް ކަމަށެވެ.

"ބަރަކާތްތެރި ރޯދަމަހެއްގައި ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުން ރޯދައިގެ މާތް އަޅުކަންވެސް ކުރުމަށް ހުރަސްއަޅައި، އެ ރައްޔިތުން ކަތިލައި ފޮތިފޮތި ކުރަމުންދާއިރު، މުޅި އިސްލާމީ އުއްމަތް އެ މަންޒަރު ބަލަން ތިބުމުގެ ބަދަލުގައި މި އަނިޔާވެރި އަމަލުތައް ހުއްޓުވޭން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އަވަސްވެގަތުމަށް ވެސް އަޅުގަނޑު ގޮވައިލަމެވެ." އެމްޑީއޭގެ ލީޑަރު ގެ ބަޔާނުގައި ވެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ފަލަސްތީނާ ގާތް ގުޅުމެއް ބާއްވައި އަދި އިސްލާމީ ކޮންމެ ގައުމަކަށް ދިމާވާ މިފަދަ ހިތާމަވެރި ހާލަތްތަކުގައި ވެސް އިސްވެ ޝުއޫރު ފާޅުކުރާ އަދި ގައުމީ ނިސްބަތުންނާއި ފަރުދީ ނިސްބަތުން ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދޭ ބައެއްކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

"ބައިނަލްއަގްވާމީ މުޅި މުޖުތަމަޢުން އިޒްރޭލުގެ މި އަނިޔާވެރި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް އުފާފާގަތި ކަމާއި ހިތްހަމަޖެހުމާ އެކު ދިރިއުޅެވޭނެ އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް އަވަސްވެގަތުމަށް ވެސް އަޅުގަނޑު ގޮވައިލަމެވެ." ސިޔާމް ނެރުއްވި ބަޔާނުގައި ވެއެވެ.