ޗައިނާގެ މެދުތެރޭ ހިސާބުގައި ޕްރީސްކޫލް ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ "މިނީވޭން"އެއް ފުރޮޅާލައިގެން ކުޅިއެއް (ފެންގަނޑެއް)ގެ ތެރެއަށް ވެއްޓި އޭގައި ތިބި އަށް ކުދިންނާއި ބޮޑެތި ތިން މީހުން މަރުވެއްޖެ އެވެ.

ޒިންހުއާ ނިއުސް އޭޖެންސީއާ ހަވާލާދީ އޭޕީގައި ބުނެފައިވަނީ، އެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު، ހުނާން ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީ ކައިރީގައިވާ ފަރުބަދަ މަތީ އަވަށެއްގައި ކަމަށެވެ. އަދި އެ މިނީވޭން ފެންގަޑުގެ ތެރެއިން ނަގާފައިވަނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭރު އޭގެ ތެރޭގައި ތާށިވެފައި އަށް ކުދިންނާއި ވޭންގެ ޑްރައިވަރުގެ ހަށިގަނޑު އޮތްއިރު، މަރުވެފައި އޮތް ދެ ޓީޗަރުންގެ ހަށިގަނޑު އޭގެ ގަޑިއެއްހާއިރު ފަހުން ފެނިފައިވާ ކަމަށެވެ.

މަރުވި ތުއްތު ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ބައްޕައާ ހަވާލާދީ ޒިންހުއާއިން ބުނެފައިވާ ގޮތުގައި ތުއްތު ކުދިންތަކެއް ގޮވައިގެން ދަތުރުކުރި އެ މިނީވޭންގައި 11 ފަސިންޖަރުން އުފުލި ނަމަވެސް އެ ވޭނުގައި އުފުލޭ މީހުންގެ ޖާގައިގެ އަދަދަކީ ހަތެކެވެ. އެކަމަކު ގަވާއިދާ ހިލާފަށް ފަސިންޖަރުން އަރުވައިގެން ވޭންތައް ދުއްވުމަކީ އެހިސާބުގައި އާންމު ކަމެއް ކަމަށްވެސް އޭނާއާ ހަވާލާދީ ނޫހުގައި ވެއެވެ.

މިނީވޭން ފުރޮޅާލައި އޭގައި ތިބި އަށް ކުދިން މަރުވި ހާދިސާ ތަހުގީގު ކުރަމުން ދާކަމަށް، ކަމާބެހޭ އިދާރާއިން ބުނެފައިވާއިރު އެ ހާދިސާއާ ގުޅިގެން، ޗައިނާގެ ރައްޔިތުންދަނީ ރަށްފުށު ހިސާބުގައި ސްކޫލް ބަސްތަކުގެ ސަލާމަތީ ކަންކަން ރަނގަޅު ނޫންކަމަށް ބުނެ އަޑުއުފުލަމުންނެވެ. އަދި ތައުލީމަށް ކުރާ ހޭދަ ކުޑަވުމާއި ތައުލީމު ހޯދަން ދުރު ހިސާބުތަކުގައި ހުންނަ ސްކޫލުތަކަށް ދަތުރުކުރަން މަޖުބޫރުވެފައި ވާ ކަމަށްވެސް އެފަރާތްތަކުން ފާހަގަކުރެ އެވެ.

ބަސްތަކުގެ ޖާގައިގެ އިތުރަށް މީހުން އަރުވައިގެން ދަތުރުކުރުމަކީ ޗައިނާގައި އާންމު ކަމަކަށް ވެފައިވާ އިރު، މީގެ ދެ އަހަރު ކުރިން ސްކޫލް ކުދިން ތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ޓްރަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުގައި ދަތުރުކުރި 19 ކުދިން ވަނީ މަރުވެފައެވެ. އަށް މީހުންގެ ޖާގައިގެ އެ ބަހުގައި އެކްސިޑެންޓް ހިނގި ވަގުތު 64 މީހުން ދަތުރުކުރި ކަމަށް ވެއެވެ.