އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ލިބުމުގެ ޝަރުތުތައް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައެޅުމުން އަނެއްކާ ވެސް އައްޑޫއަކީ ސިޓީ ކައުންސިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.
ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑުތައް ލޯކަލް ގަވާންމަންޓް އޮތޯރިޓީން އިއުލާންގައި ބުނަނީ ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން އައްޑު އަތޮޅުގެ ހުޅުދޫ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ އެ ފަސް ރަށަކީ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ"ގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ޖަދުވަލު 2 ގައި ބުނާ އެންމެހައި މިންގަނޑުތަކާއި ޝަރުޠުތައް ފުރިހަމަވާތީވެ، އައްޑު އަތޮޅަކީ ރަށެއް ކަމަށާއި އެއީ ސިޓީއެއް ކަމަށެވެ.
އައްޑު އަށް ސިޓީއެއްގެ ދަރަޖަ ލިބުމުގެ ޝަރުތުތައް އެ އެތޯރިޓީން ކަނޑައެޅުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑު އަކީ ސިޓީއެއް ކަމަށް ހަމަޖައްސަވައި ދެ ވަނަ ފަހަރަށް އިއުލާން ކުރައްވައިފަ އެވެ.
އައްޑޫއަކީ ސީޓިއެއް ކަމަށް ކަނޑައަޅާފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގައި ހަމައެކަނި ހުންނެވި މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީއަށް ކަނޑައަޅުއްވި ވަޒީރު، ހޯމް މިނިސްޓަރު ހަސަން އަފީފުގެ ނިންމުމުގެ މައްޗަށް ބަރޯސާވެގެން ނެވެ.
ނަމަވެސް ލޯކަލް ކައުންސިލް އޮތޯރިޓީގައި ހިމެނިވަޑައިގަންނަވަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ވަޒީރަކާއި ސިޓީ ކައުންސިލްތަކުން ކަނޑައަޅާ މެންބަރަކާއި އަތޮޅު ކައުންސިލުން ކަނޑައަޅާ މެންބަރެއްގެ އިތުރުން ރަށު ކައުންސިލްތަކުން ވަޑައިގަންނަވާ މެންބަރެއްގެ މައްޗަށެވެ.
ސިޓީގެ ޝަރުތުތައް އައްޑޫގައި ފުރިހަމަވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ހަސަން އަފީފު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެމަނިކުފާނު އެކަނި ހުންނަވައިގެން ވެސް އެ އޮތޯރިޓީން ޝަރުތުރައް ކަނޑައެޅުއްވޭނެ ކަމަށެވެ. އަދި އެއީ ރަގަނޅު ގޮތް ނޫން ކަމުގައިވާ ނަމަ އަނެއްކާ ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އަފީފު ގޮވައިލެއްވި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ، ސިޓީގެ ދަރަޖަ ލޯކަލް އޮތޯރިޓީން ކަނޑަނާޅާހާ ހިނދަކު އައްޑޫ އަކީ ސިޓީއެއްގެ ގޮތުގައި ރައީސަށް ކަނޑަނޭޅުއްވޭނެ ކަމަށެވެ.