ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތައް އަދާލަތު ޕާޓީން މިއަދު ކުށްވެރިކޮށްފި އެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން "އިންސާނިއްޔަތާ ހިލާފު އެތައް ގަތުލްއާންމުތަކެއް" ހިންގަމުންދާ ކަމަށެވެ.

"މި ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ރައްޔިތުންނެއް ވަނީ ޝަހީދުވެފަ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ އެތައް ބަޔަކު މަރުވެ، ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށާއި އިޒްރޭލުން ދަނީ ފަލަސްތީނުގެ ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވެސް ހަމަލާ ދެމުން ކަމަށެވެ.

"ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ދުއާ ކޮށްދެއްވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް މި ޕާޓީގެ ފަރާތުން އިލްތިމާސް ކުރަން. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އިލްތިމާސް ކުރަން،" އެ ބަޔާނުގައިވެ އެވެ.

ޣައްޒާގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލު ކުރަން ފެށީ އިޒްރޭލުގެ ތިން މީހަކު ކިޑްނެޕްކޮށް މަރާލި ކަމަށް ފަލަސްތީނުގެ ރައްޔިތުންނަށް ތުހުމަތު ކުރެވިފައި ވަނިކޮށް ފަލަސްތީނުގެ މީހަކު މަރާލުމަށްފަހު ރޯކޮށްލުމުންނެވެ.

ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށް ހުޅަނގުގެ މީޑިޔާތަކުން ބުނަމުން ދިޔަ ނަމަވެސް ހަމާސްގެ ރޮކެޓް ހަމަލާއަކުން އިޒްރޭލުގެ ބަޔަކަށް ފުރާނައަށް ނުރައްކާވާ ވަރުގެ ގެއްލުމެއް ލިބިފައި ނުވާ އިރު، އިޒްރޭލުން ދެމުން ގެންދާ ވަރުގަދަ ވައިގެ ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް މައުސޫމް އެތައް ކުއްޖަކު މިހާ ތަނަށް ޝަހީދުވެފައިވާކަން ފާހަގަ ކުރެވެއެވެ. އިޒްރޭލުން ދަނީ ހަމާސް ޖަމާއަތުން ހަތިޔާރު ހަދަމުންދާ ފެކްޓަރީތަކަށް ކަމަށް ބުނެ ފަލަސްތީނުގެ ގޭގެ ތަކަށް އަދި ވަކިވަކި މީހުންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ.

މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 80 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެތެރޭގައި 20 ކުޑަކުދިންނާއި 10 އަންހެނުން ހިމެނެ އެވެ.