އަސްދޫދު (ޖުލައި 11) : އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން (ހަމާސްގެ އަސްކަރީ ގޮފިން) ދިން ރޮކެޓް ޙަމަލާއެއް އިސްރާއީލުގެ ދެކުނުގެ ރަށެއްކަމަށްވާ އަސްދޫދްގެ ޕެޓްރޯލް ސްޓޭޝަނަކަށް އަމާޒުވެއްޖެއެވެ.

މިއީ ހަމާސްގެ ހަމަލާއެއް އިސްރާއީލަށް މި ގޮތަށް އަމާޒުވި ފުރަތަމަ ފަހަރެވެ. މި ހަމަލާގެ ސަބަބުން އެތަންގޮވައި ތިން މީހުން ފިހި އެސްޓޭޝަންގެ ބޮޑުބައި އަނދައި ހުލިވެފައިވާ ކަމަށް އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ. އަދި އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ވެސް މި ވާހަކަ މި ގޮތަށް ގެނެސްފައިވެއެވެ.

އެބަޔާން ބުނާގޮތުން މިހާދިސާގައި ފިހުނު އިސްރާއީލުގެ ތިންމީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 90 އިންސައްތަ ފިހިފައިވާތީ އޭނާވަނީ ފުރާނައަށް ނުރައްކާވާ ހާލަތުގައެވެ. އަޝްދޫދަކީ ޣައްޒާގެ އުތުރުން 28 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. ޙަމާސް ބުނާގޮތުން އެޖަމާއަތުން އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދެނީ ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އިސްރާއީލުން އުޅޭހާހިނދަކު އިސްރާއީލަށް އަމާންކަން ނޯންނާނެކަން އިސްރާއީލުގެ ރައްޔިތުންނަށާއި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިންނަށް އަންގައިދިނުމެވެ.

މީގެއިތުރުން ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެންއުޅޭ އިސްރާއީލުގެ ޔަހޫދީންގެ ހިތްތަކުގައި ބަރިވެރިކަން އުފެއްދުމާއި އިސްރާއީލަކީ އިސްރާއީލުގެ ވެރިން ދުނިޔޭގެ ޔަހޫދީންނަށް ވިސްނައިދެމުން ގެންދާފަދަ އަމާންތަނެއްނޫންކަން އެމީހުންނަށް އަންގައިދިނުމަކީވެސް މިރޮކެޓް ޙަމަލާތަކުގެ މައިގަނޑު ލަނޑުދަނޑިއެއް ކަމަށާ މިމަގްސަދު މިހާރުވެސް ޙާސިލް ވެފައިވާ ކަމަށް ޙަމާސްގެ ވެރިޔާ ޚާލިދު މިޝްއަލްވަނީ ވިދާޅުވިއެވެ. ހަމާސް ޖަމާއަތުގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ މީހުން ޑަޒަންޑަޒަނަށް މަރުވަމުން ނުދިޔަނަމަވެސް އަދި އިސްރާއީލަށް މާބޮޑު މާއްދީގޮތުން މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް މިރޮކެޓް ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތައް ނާކާމިޔާބުވުމުން އިސްރާއީލުގެ ޔަހޫދީންގެ ހިތްތަކަށް ބިރުވެރިކަންވަދެ އެމީހުންވަނީ ނަފްސާނީ ހާލަތަކަށް ވެއްޓިފައެވެ.

އަދި އިސްރާއީލުގެ ދެކުނުގެ ރައްތަކުގެ ގިނަމީހުން އުޅެންޖެހިފައިވަނީ ބިމުއަޑީގައިވާ ޝެލްޓަރ ތަކުގައި ކަމަށާ މިއީ އެމީހުންނަށް ބޮޑެތި އުނދަގޫތަކެއް ތަހައްމަލްކުރަންޖެހޭ ދަތިއުނދަނގޫ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިހިސާބުން ޙަމާސްއާއި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކުގެ ހަގީގީ ލަނޑުވަނީ ހާސިލްވެފައެވެ.

މިހާރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނުގައި ފަލަސްތީނުގެ 100 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު ޙަމާސުން ދޭ ރޮކެޓް ޙަމަލާތަކުގައި މަރުވެފައިވަނީ އިސްރާއީލުގެ އެންމެ މީހެކެވެ. (ނޫސްއެޖެންސީތައް)