11 Jul 2014, 14:10
އެހެނިހެން ގައުމުތަކޭ އެއްފަދައިން ފަލސްތީނުގައި ވެސް އަމާންކަމާ އެކު އެ ގައުމުގެ ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމާ ބެހޭ ބައިނަލްއަގުވާމީ ފަރާތްތަކަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ގޮވާލައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަމާންކަމާ އެކު ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށް ބައިނަލްއަގުވާމީ އެންމެހައި މުއައްސަސާތަކުން މަޝްވަރާކޮށް އެދެވޭ ހައްލެއް ހޯދައިދިނުމަށް އެ ޕާޓީން އިލްތިމާސްކުރާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެގައުމުގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވެ އަދި އެތައް ރައްޔިތުންނަށް ލިބެމުންދާ ބޮޑެތި އަނިޔާތަކާ މެދު އެ ޕާޓީން ކަންބޮޑުވެ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ މިވަގުތުގެ އިހްސާސްތަކާ މެދު އެ ޕާޓީގެ އާންމު މެމްބަރުން ކަންބޮޑުވެ، އެކަމާ ހަމްދަރުދީވާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ އެތައް މުއާހަދާތަކަކާ ޚިލާފު އަދި ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން އދ. އިން ނެރެފައިވާ އެތަށް ގަރާރަކާ ޚިލާފު ކަންތައްތަކެއް ކަމަށް ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.