ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމްއަށް ސޮއިކުރެއްވި އިރު އޭނާ ވަނީ މަޖިލީހުގެ ދައުރު ހަމަވަންދެން ޖުމްހޫރީ ޕާޓީގައި ދެމިހުންނެވުމަށް މާތްﷲ ގަންދީ ހުވާކުރައްވާފައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިހަވަންދޫ ދާއިރާގެ ޓިކެޓު މުހައްމާއަށް އެ ޕާޓީން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތަސް އަދި ނުގަތަސް ޕާޓީގައި ދެމި ހުރުމަށާއި، އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި، ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމާ ނިންމުންތަކާއި، އަދި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވަންދެން ޕާޓީގައި ދެމިހުރުމަށް ދެ ހެކީންގެ ހާޒިރުގައި މާތްﷲ ގަންދީ ހުވާކުރެއްވުމުން ކަމަށެވެ.

"[އިހަވަންދޫ ދާއިރާގެ ޓިކެޓު މުހައްމަދު އަބްދުﷲ އަށް ހަވާލުކޮށްފައި ވަނީ ] މާތްﷲގެ ކަލާންފުޅުގައި އަތްޕުޅުލައްވައިގެން ހުރެ އެކަލާންގެ ގަންދީ ހުވާކުރައްވާ އިނގިލީގެ ނިޝާން ޖައްސަވައި އެއްބަސްވެ ވަޑައިގެންނެވި އަހުދުކަށަވަރެއް ގެ މައްޗަށްކަން މުހައްމަދު ޢަބްދުﷲއަށް ހަނދުމަފުޅުކޮށް އަރުވަމެވެ،" ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވެއެވެ.

ތަފާތު އެކި ހުށަހެޅުންތައް ހުށަހަޅައިގެން އެޕާޓީގެ މަޖިލީސް މެމްބަރުން ޕީޕީއެމަށް ގެންދިޔުމަކީ ރާއްޖޭގެ ޅަފަތުގެ ޑިމޮކްރަސީ އަށާއި ރާއްޖޭގެ ހަމަޖެހުމަށާއި އަމާންކަމާއި އަދި ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީން ދެކޭގޮތުގައި ގައުމު ތަރައްގީވާނީ ނުވަތަ ދާއިރާތައް ތަރައްގީވާނީ އަދި ތައްރައްގީވާން ޖެހޭނީ ވެސް އެދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ސަރުކާރު ހިންގާ ޕާޓީގައި ތިބެގެންނެއް ނޫން ކަމަށެވެ. އެކަން އެގޮތަށް ހިންގާނަމަ، އެއްވެސް ގައުމެއްގައި މަލްޓިޕާޓީ ޑިމޮކްރަސީ ހަރުދަނާއެއް ނުވާނެ ކަމަށާއި މިއީ ރައްޔިތުން ބޭނުންވާ އަދި އެދޭނެ ގޮތެއްކަމުގައި އެ ޕާޓީން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު މުހައްމާ ވިދާޅުވީ، އޭނާ ޕީޕީއެމާ ގުޅިވަޑައިގަތުމަށް އެންމެ ބޮޑަށް ބޭނުންވި އެއް ސަބަބަކީ ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް މިހާރު ކުރަމުންދާތަން ފެންނާތީ ކަމަށެވެ.

" ރައްޔިތުންގެ އެދުމާ އެއްގޮތަށް، ރައްޔިތުންގެ ޝުއޫރާއި އެއްގޮތަށް މަސައްކަތްކުރުން އެއީ އަޅުގަނޑުގެވެސް އެންމެ ބޮޑު އެއް ބޭނުން. އަދި ވަކިން ހާއްސަކޮށް މިއަދު ހިނގަމުންދާ ވެރިކަމުގައި ރައީސް ޔާމިންގެ ފަރާތުން އިގްތިސާދީ ސިޔާސަތު ކުރިއަށްދާ ގޮތާއި ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ކުރާތަން ފެނުމަކީ އަޅުގަނޑު ހަމަ ގައިމުވެސް ޕީޕީއެމްއާ ގުޅުނު އެންމެ ބޮޑު ސަބަބު،" މުހައްމާ ވިދާޅުވި އެވެ.