11 Jul 2014, 13:55
ބާސެލޯނާގެ ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް، 32 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުން އާސެނަލްއަށް ސޮއިކޮށްފި އެވެ.
އާސެނަލްއަށް ސޮއިކުރުމަށް ފަހު، ސަންޗޭޒް ވަނީ އެ ކްލަބުގެ މެޑިކަލްގައި އިއްޔެ ބައިވެރިވެފައެވެ. އާސެނަލްއަށް ސޮއިކުރުމާއެކު، ސަންޗޭޒް ވެފައިވަނީ އެކްލަބުގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
ވޯލްޑް ކަޕުގައި ޗިލީގެ ގައުމީ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ސަންޗޭޒް ވަނީ ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އޭނާ ވަނީ ބާސާއަށް ކުޅުނު 88 މެޗުން 39 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކުރިން އިޓަލީގެ އުދިނޭސީއަށް ކުޅުނު ސަންޗޭޒް، އާސެނަލްގެ ކުޅުންތެރިންނާ ގުޅޭނީ ޗުއްޓީ ހޭދަކުރުމަށްފަހު، މިމަހުގެ ފަހުކޮޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަންނަ އޮގަސްޓް މަހު އޮންނަ އެމިރޭޓްސް ކަޕުގައި ސަންޗޭޒް ފެންނާނީ އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.
"އާސެނަލްއާ ގުޅުނީތީ އަހަރެން މިހިރީ ވަރަށް އުފާވެފަ. އާސެނަލްއަކީ މޮޅު ކޯޗަކާއި މޮޅެތި ކުޅުންތެރިންތަކެއް ތިބި ކްލަބެއް. މުޅި ދުނިޔޭގައި އެކްލަބުގެ ސަޕޯޓަރުން ވަރަށް ގިނަ،" އާސެނަލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސަންޗޭޒް ބުންޏެވެ. "އަހަރެންގެ އާ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، އެޓީމާއެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގައި ކުޅުމަށް އަހަރެން މިހިރީ ކެތްމަދުވެފަ. އާސެނަލްގައި އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދައްކައި ސަޕޯޓަރުން އުފާކޮށްދޭނަން."
ވޯލްޑް ކަޕުގައި ޗިލީއަށް ދެއްކި ކުޅުން ސަންޗޭޒްއަށް އާސެނަލްގައި އޭނާއަށް ދެއްކޭނެ ކަމަށް އެކްލަބުގެ ކޯޗު އާސެން ވެންގާ އުންމީދުކުރެއެވެ.
"ވޯލްޑް ކަޕުގައި ސަންޗޭޒް ދެއްކި ކުޅުމުން އޭނާއަކީ މޮޅު ކުޅުންތެރިއެއްކަން އެންމެންނަށް ވެސް މިހާރު އެނގޭނެ. އޭނާ އާސެނަލްއާ ގުޅުމުން އަހަރެން މިހިރީ ވަރަށް އުފާވެފަ،" ވެންގާ ބުންޏެވެ. "އާސެނަލްއާ ސަންޗޭޒް ގުޅުމުން އަހަރެމެންނަށް އިތުރު ވަރުގަދަ ކަމެއް ލިބިގެންދާނެ."