11 Jul 2014, 13:49
ވޯލްޑް ކަޕުގައި ޖަރުމަނު ބަލިކުރުމަކީ ކުރެވޭނެ ކަމެއް ކަމުގައި އާޖެންޓީނާގެ 'ލެޖެންޑް' ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.
ބްރެޒިލްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ޖަރުމަނުން ހޯދީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ ބްރެޒިލް އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ އާޖެންޓީނާ ހޯދީ ނެދަލެންޑްސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
"އާޖެންޓީނާއަށް ޖަރުމަނު ބަލިކުރެވޭނެ. އެއީ ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން،" ޓެލެސޫރު ޓީވީގައި މަރަޑޯނާ ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އޭނާ ބުންޏެވެ. "ޖަރުމަނަށް 7-1 ލަނޑުން ބްރެޒިލް ބަލިކުރެވުމުން އެމީހުންގެ ވިސްނުން ތަފާތުވާނެ. އެމީހުންގެ ޔަގީންކަން ބޮޑުވުމުގެ ފައިދާ އާޖެންޓީނާއަށް ނެގިދާނެ."
ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ މިޑްފީލްޑަރު ހާވިއާ މަޝަރާނޯ ދެއްކި މޮޅު ކުޅުން ފާހަގަކޮށް، މަރަޑޯނާ ވަނީ މަޝަރާނޯއަށް ތައުރީފްކޮށްފަ އެވެ. މަރަޑޯނާ ބުނީ، އެ ރޭގެ މެޗުގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން ފެނުނީ އުންމީދުކުރެވުނު ވަރުގެ ކުޅުމެއް ނޫން ކަމަށާއި މެޗުގައި އޭނާއަށް ވަރުބަލިކަން އިހްސާސްވީ ކަމަށް ވެދާނެ ކަމަށެވެ.
ވޯލްޑް ކަޕުގެ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 12:00 ގައެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގެ އެސްޓޭޑިއޯ މަރަކަނާގަ އެވެ.