ބާލިން (ޖުލައި 11): ޖަރުމަނުގެ ބާލިންގައި ހުންނަ އެމެރިކާގެ އެންބަސީގައި ހަރަކާތްތެރިވާ އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިޔާ އެގައުމުން ބޭރުކޮށްލުމަށް ޖަރުމަނު ސަރުކާރުން ނިންމައިފި ކަން އިއްލާންކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން ޖަރުމަނު ސަރުކާރުގެ ތަރްޖަމާން ސްޓީވަން ސައިބާޓް ވިދާޅުވީ ބާލިންގައި ހުންނަ އެމެރިކާގެ އެންބަސީގެ ޑިޕްލޮމޭޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ އެމެރިކާ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ މަސްއޫލުވެރިޔާ، ޖަރުމަނުން އަވަހަށް ފުރުމަށް އޭނާއަށް އަންގާފައިވާނެ ކަމުގަ އެވެ. މިގޮތަށް އަންގަންޖެހުނީ ސީއައިއޭގެ އެޖެންޓެއްގެ ގޮތުން ޖަރުމަނު ސަރުކާރަށް ޖާސޫސުކުރުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވުމާ ގުޅިގެން ކަމަށާ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް ސްޓީވަން ވިދާޅުވި އެވެ.

ޖަރުމަނުގެ ފުލުހުން މިދިޔަ ހަފްތާގައި ވަނީ އެމެރިކާ އަށް ޖާސޫސުކޮށްދޭ ކަމުގެ ތުހުމަތުގައި އެގައުމުގެ ޖާސޫސީ އިދާރާގެ މަސްއޫލުވެރިއަކު ހައްޔަރުކޮށްފަ އެވެ. މިމަސްއޫލުވެރިޔާ ޖަރުމަނު ސަރުކާރަށް ޖާސޫސުކުރުމަށް ހިންގި އަމަލުތަކުގެ ފަހަތުގައި ވަނީ ބާލިންގައި ހުންނަ އެމެރިކާގެ އެންބަސީގެ ޑިޕްލޮމޭޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސީއައިއޭގެ މަސްއޫލުވެރިޔާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޖަރުމަނުވިލާތުގެ ޕާލަމެންޓްގެ ޖާސޫސީ ކަންތައްތަކާ ބެހޭ ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ އެގައުމުގައި އެމެރިކާ ހިންގާ ޖާސޫސީ ހަރަކާތްތައް ވިލަރެސްކުރާ ކަމުގެ ތުހުމަތު އެމެރިކާގެ ޑިޕްލޮމޭޓްގެ މައްޗަށް ކޮށްފަ އެވެ.

އެމެރިކާ އިން ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލްގެ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއަހައި އޭނާގެ ޕާސަނެލް މެއިލްވެސް ބަލަމުންގެންދާ މައްސަލަ މި އަހަރު ކުރީކޮޅު ބޭޒާރުވަމުން އެމެރިކާ އާއި ޖަރުމަނު ސަރުކާރާ ދެމެދު ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވެ އެވެ. (ރޮއިޓާސް)