11 Jul 2014, 13:29
ރަޝިޔާގެ ހެކަރު ރޯމަން ވެލެރިވިޗް ސެލެޒްނޯވް ރާއްޖޭގައި ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރި މައްސަލައިގައި މަޝްވަރާކުރަން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ލަންކާ އަށް ވަޑައިގަތީ ރޭ އެމިރޭޓްސްގެ ފްލައިޓުންނެވެ.
އެ ބޭފުޅުންގެ ދަތުރުފުޅުގައި ލަންކާގައި ހުންނަ ރަޝިއާގެ އެމްބަސީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ހެކަރު ހައްޔަރު ކުރި މައްސަލައާ ބެހޭ މައުލޫމާތު ހިއްސާކުރައްވާނެ އެވެ.
ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ތަރުޖަމާނު މިއަދު ވިދާޅުވީ، ރާއްޖޭން އޭނާ ހައްޔަރު ކުރި ކުރުމަކީ ގާނޫނު ދެމެހެއްޓުމުގެ ފިޔަވަޅެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ރާއްޖޭން ކޮށްދީފައިވާ މަސައްކަތަށް އެމެރިކާ އިން ޝުކުރު އަދާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2011 ވަނަ އަހަރު، އެހެންވީމާ އެއީ ރަޝިޔާއާ އެމެރިކާއާ ދެމެދު މިހާރު އުފެދިފައިވާ މައްސަލަތަކަށް ވުރެ މާ ކުރީގެ ކަމެއް. އަދި އެއީ ކިޑްނެޕްކުރުމެއް ވެސް ނޫން ނުވަތަ ގާނޫނާ ހިލާފަށް ކުރި ކަމެއް ވެސް ނޫން،" އެމެރިކާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސެލެޒްނޯވް ހައްޔަރުކުރީ އެހެން ގައުމަކުން އޭނާ ބޭރުކޮށްލުމުން ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާއަށް ލިބޭނެ ހައްގުތައް ކިޔައިދީފައި ވާ ކަމަށެވެ.
ސެލެޒްނޯވް އެމެރިކާ އިން ކިޑްނެޕް ކޮށްފައިވާ ކަމަށާއި އެކަމުގައި ރާއްޖޭން އެހީތެރިވެދީފައިވާ ކަމަށް ރަޝިޔާއިން ކުރިން ވަނީ ބުނެފަ އެވެ. އެކަން ހިނގި ގޮތް ރާއްޖޭން އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް ވެސް އެގައުމުން ވަނީ ބުނެފަ އެވެ.
އިއްޔެ ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ވަފުދެއް ވަނީ ލަންކާގައި ހުންނަ ރަޝިޔާ އެމްބަސީގެ އޮފިޝަލުންނާ ބައްދަލުކުރައްވައި "އިންޓަޕޯލް ރެޑްނޯޓިސްގެ ދަށުން ފޮނުވާލި ރަޝިޔާ މީހާގެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވާފަ" އެވެ. އެ ވަފުދުގައި ފޮރިންމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު އިނާޔާ އާއި ސްރީލަންކާގައި އިންނަވާ ރާއްޖޭގެ ސަފީރާ ޒާހިޔާ ޒަރީރާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާއި މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ.