10 Jan 2011, 16:20
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހެއްގެ އަތުން ތިން ލައްކައެއްހާ ރުފިޔާ ހޯދި މީހެއްގެ މައްޗައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފި އެވެ.
ތ. ތިމަރަފުށީ، ފިނިފެންމާގޭ، އަހުމަދު ފަޒީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހެއްގެ އަތުން ފަޒީން 260000 ރުފިޔާގެ ނަގުދު ފައިސާ ހޯދާފައިވާ ކަމަށާއި އެކަމަކު ތިން ދުވަސްވީއިރު ވެސް ޑޮލަރު ހޯދައިދީފައި ނުވާ ކަމަށެވެ.
މ. ވޭވިންގްލައިޓް އަބްދުﷲ ރިފާއުގެ އަތުން ފަޒީން ނޮވެމްބަރު މަހު ނަގާފައިވާ ފައިސާ އަށް ޑޮލަރު ނުލިބުމުން، ޕީޖީ ފަޒީން މައްޗަށް ދައުވާ އުފުލީ ފަޒީން ދިން ޗެކު ބައުންސުވެފައިވުމުން ކަމަށް، ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.
އަދި އެ ފައިސާ ދިނުމަށް ލިޔުމަކުން އެންގުމުން ވެސް އެ ފައިސާ ދީފައިނުވާ ކަމަށް ޕީޖީ އޮފީހުން ކޮށްފައިވާ ދައުވާގައި ބުނެފައިވެ އެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގެ 39 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން ދައުވާ ކުރުމަށް ހުށަހެޅީ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ޝެޑިއުލް ވެސް ކޮށްފައިވެ އެވެ.