11 Jul 2014, 13:22
ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަން ހިންގާ ބާރަކީ ސަރުކާރު ކަމަށް ގަބޫލުނުކުރާ ކައުންސިލްތައް އެބަހުރި ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓަރު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅަނީ ސަރުކާރުކަން ނުދަންނަ ބައެއް ކައުންސިލްތައް ވެސް އެބަހުރި ކަމަށެވެ.
"ބައެއް ކައުންސިލްތަކުން ގަބޫލެއް ނުކުރޭ ސަރުކާރު މިއީ ޕޮލިސީ މޭކްކުރާ ފަރާތް ކަމެއް. ދައުލަތުގެ ބާރުތައް އެތުރިފައި އޮންނަ ގޮތުން އެގްޒެގެޓިވް ބާރަކީ ސަރުކާރު ކަމާއި ލޯކަލް ކައުންސިލްތައް އެއީ ސަރުކާރުގެ ފަށަލަތަކުގެ ތެރެއިން ފަށަލައެއް ކަމަށް ދެކިގެނެއްނޫން ބައެއް ކައުންސިލުތަކުން މަސައްކަތް ކުރަނީ. އެހެންވެ އުނދަގޫތަކެއް ކުރިމަތިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ބައެއް ކައުންސިލްތަކުން ރަށުގެ ބިންތައް ކުއްޔަށް ދިނުމާއި ދޫކުރުމުގެ ކަންކަން ސަރުކާރުގެ ބަހެއް ނެތި ކުރަމުންދާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނެތި ދޫނުކުރަން އެންގެވީ އެހެންވެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ބިންތައް އަމިއްލަ އަމިއްލައަށް ބައެއް ފަރާތްކަށް ވިއްކުމާއި ކުއްޔަށް ދިނުމުގެ ކަންކަން ކުރަމުންދޭ. އެހެންވީމަ އެ ކަންކަން ހުއްޓުވަން އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ބިންތައް ހަވާލު ކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުމާ ހިލާފަށް ބިންތައް ބޭނުންކުރުމަށް ދޫ ނުކުރެވޭނެ ކަމަށެވެ.
ރަށްރަށުގެ ބިންތައް ސަރުކާރުން އަންގާ އުސޫލަކާއި އެއްގޮތަށް ނޫން ގޮތަކަށް ބޭނުން ނުކުރުމަށާއި އަދި އެއްވެސް ބިމެއް ކުއްޔަށް ދެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ހުއްދައާ އެކު ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކައުންސިލް ތަކަށް ދާދި ފަހުން އަންގާފައެވެ.