ދިރާގު ދިވެހި ލީގުގައި ކްލަބު ވެލެންސިއާ ހިފެހެއްޓުމަށް ފަހު، ލީގުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިން ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ވެލެންސިއާ އާއި އޭވައިއެލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި އޭވައިއެލް އިން ފުރަތަމަ ލީޑު ނެގި ނަމަވެސް، ގަދަ ހަތަރެއްގައި އޮތް ވެލެންސިއާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މިރޭ ކުޅުނު މެޗުގެ ލަނޑުތައް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އޭވައިއެލްއިން ލީޑު ނެގީ މެޗުގެ 19 ވަނަ މިނެޓްގައެވެ. އޭވައިއެލްގެ ހަސަން ސޮލާހު ނެގި ހުރަހަކުން އެ ލަނޑު އެޓިމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އާމިރެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ވެލެންސިއާގެ މިޑްފީލްޑަރުން އެދެވޭ ކުޅުމެއް ނުދެއްކުމުން އޭގެ ފައިދާ އޭވައިއެލް އިން ނަގަމުން ދިޔައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓްގައި އޭވައިއެލްއަށް ލީޑު ފުޅާކުރުމަށް އެޓީމުގެ ބަހާޖަތު އަބްދުލް އަޒީޒަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާ އުފެއްދި އެ ހަމަލާގެ ހުރަހަކަށް ވީ ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފެވެ.

ވެލެންސިއާއަށް ނަތީޖާ ހަމަހަމަ ކުރެވުނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އޭވައިއެލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަލީ ނިޔާޒު ކުރި ފައުލަކުން ވެލެންސިއާއަށް ލިބުނު އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަބްދުﷲ މުއާޒެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ. ނަމަވެސް ދެ ޓީމުން އުފެއްދި ހަމަލާތައް ގޯލްކީޕަރުންނަށް ބޮޑު އުނދަގުލެއް ކުރިމަތިވެފައެއް ނުވެއެވެ.

މި ނަތީޖާގެ ސަބުބުން ލީގު ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އޮތްއިރު، ދެވަނައިގައި އޮތް އީގަލްސްއަށް ވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ނިއުއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި މާޒިޔާ އޮތް އިރު، ކުޅުނު ހަތަރު މެޗުން ވެލެންސިއާއަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ތިން ޕޮއިންޓާއެކު ފަސްވަނައިގައި މަހިބަދޫ އޮތްއިރު، ބީޖީ އާއި ވިކްޓަރީ އަދި އޭވައިއެލްއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި މާދަމާ ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ މާދަމާ ރޭ 10:00 ގައެވެ.