އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ފުޅާވެގެން ގޮސް ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ކުރިން ދެފަރާތުން ވެސް ހަމަލާތައް ދިނުން ހުއްޓާލައި އެއްބަސްވުމަކަށް އައުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކި މޫން ގޮވާލައްވައިފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ބަންކި މޫން ވިދާޅުވީ، މިހާރު ދެފަރާތުގެ ދެމެދުގައި ހިންގަމުން ގެންދާ ކުރިމަތިލުންތައް އިތުރަށް ފުޅާވެގެން ގޮސް އިސްރާއީލް-ފަލަސްތީންގެ އާ ހަނގުރާމައެއް ފެށިއްޖެ ނަމަ އެ ހަނގުރާމަ މުޅި މެދު އިރުމައްޗަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިއީ އަނިޔާވެރިން އިތުރަށް ބާރުގަދަވުމަށް ފުރުސަތު ދޭންވީ ވަގުތު ނޫން ކަމަށާއި ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ވީ އެންމެ އަވަހަކަށް އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

"މި އަނިޔާވެރިކަން އިތުރަށް ފުޅާވެއްޖެ ނަމަ، ބުނަންވެސް ނޭނގޭފަދަ ކަންތައްތަކެއް ހިނގައިފާނެ ކަމުގެ ބިރުވެރިކަން އެބައޮތް،" އިންޒާރު ދެއްވަމުން ބަންކީ މޫން ވިދާޅުވި އެވެ.

ބަންކީ މޫން ވިދާޅުވީ، ހަމާސްގެ ފަރުވާކުޑަ އަމަލުތަކާއި އިސްރާއީލުގެ ހަރުކަށި ރައްދުތަކުގެ ދެމެދުގައި ހަލާކުވެގެންދަނީ ފަލަސްތީނުގެ އާންމު ރައްޔިތުން ކަމަށެވެ.

ޣާޒާ އަދި މުޅި ސަރަހައްދު އެކުލެވޭ ގޮތަށް ބޮޑު ހަނގުރާމައެއް ފެށިގެން މުޅި ސަރަހައްދު އެކުގައި ބޮޑު ހަލާކެއްގެ ތެރެއަށް ވެއްޓިދާނެފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ބަންކީ މޫން ވިދާޅުވީ، މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ހުޅަނގު އައްސޭރީގެ އެހެނިހެން ހިސާބުތަކުގެ ރައްޔިތުން މިހާރުވެސް ކުރަމުންދާ ކަމަށެވެ.

އިސްރާއީލުގެ ހަމަލާ ތަކުގައި ފަލަސްތީނުގެ އެތަކެއް ރައްޔިތުންގެ ފުރާނަ ނެތި ގޮސްފައި ވާއިރު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ، އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަކީ ހަމާސް ޖަމާއަތާ ދެކޮޅަށް ނުވަތަ އެހެން ޖަމާއަތަކާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކެއް ނޫން ކަމަށާއި އެއީ މުޅި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާ ތަކެއް ކަމަށެވެ.