11 Jul 2014, 00:43
ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި އާޖެންޓީނާއާއި ނެދަލެންޑްސް ކުޅުނު މެޗު ބަލަން ފަލަސްތީނުގެ ޣާޒާގެ ކެފޭއެއްގެ ތެރޭގައި ތިބި އަށް މީހަކު އިސްރާއީލުގެ ހަމަލާއެއްގައި މަރާލާފައި ވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.
ފަލަސްތީނުގެ އޮފިޝަލުންނާ ހަވަލާދީ އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓު ނޫހުގައި ބުނެފައި ވަނީ، އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވެފައި ވަނީ، ޣާޒާގެ އައްސޭރި ފަށުގެ ސަރަހައްދެއްގެ ކެފޭއެއްގައި މެޗުބަލަން ތިބި ބަޔަކު ކަމަށެވެ.
ފަލަސްތީނަށް ބުރާސްފަތި ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ދިން އެހެން ހަމަލާއެއްގައި ޣާޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނީސްގެ އަލް ހަޖް ކިޔާ އާއިލާއެއްގެ އަށް މެންބަރަކު ވެސް އިސްރާއީލުން ވަނީ މަރާލައިފައެވެ.
"އަހަރެމެން ސަލާމަތާއި އެހީއަށް އެދެނީ ހަމައެކަނި ﷲގެ ހަޛްރަތުން،" އިސްރާއީލްގެ ރަހުމްކުޑަ ހަމަލާގައި މަރުވި އަށް މެންބަރުންގެ ތެރެއިން ތިން ބެއިންއެއްގެ ބޭބެ، މަހްމޫދު ސަވާލީ އަސަރާއެކު ބުންޏެވެ. "ޝަހީދު ކޮށްލާފައިވާ އަހަރެންގެ ދެ ކޮއްކޮ ފެނިފައި މިވަނީ، އަދި މިދަނީ ތިންވަނަ ކޮއްކޮ ހޯދުމުގެ މަސައްކަތް ކުރަމުން."
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، އެ ދެ ހާދިސާވެސް ވަކިވަކިން ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޣާޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ރަހުމު ކުޑަ ޖަރީމާތަކުގައި ހަމަ އެކަނި މި ހަފްތާ ތެރޭގައި ވެސް 85 މީހުން މަރާލާފައި ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ޣާޒާގެ ތެރެއިން އިސްރާއީލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތައް ހުއްޓާ ނުލަނީސް އެއްވެސް ކަހަލަ އެއްބަސްވުމަކަށް ދިޔުމަށް އެގައުމުން ނުވިސްނާނެ ކަމަށެވެ.
ފަލަސްތީނުން އިސްރާއީލަށް ދީފައިވާ ކަމަށް ބުނާ އެއްވެސް ހަމަލާއެއްގައި އިސްރާއީލުގެ އެއްވެސް މީހަކު މިހާތަނަށް މަރުވެފައެއް ނުވެ އެވެ. އެހެން ނަމަވެސް އިސްރާއީލުން ހިންގަމުން ގެންދާ އެ ހަރުކަށި އުދުވާނުގައި މި ދިޔަ ތިން ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 750 ތަނަކަށް ވަނީ ހަމަލާދީ އެތައް ބައެއްގެ ފުރާނަ ދުއްވާލުމުގެ އިތުރުން އެތަކެއް ގޯތިގެދޮރެއް އެކުއެކީ ސުންނާފަތި ކޮށްލާފަ އެވެ.