އިސްރާއީލުން ފަލަސްތީނުގެ ޣާޒާއަށް އުދުވާނީ ހަމަލާތައްދީ ކުށެއް ނެތް ބަޔަކު މަރާލަމުން ގެންދާތީ އެކަމާ ދެކޮޅަށް މުޒާކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

އެމްޓީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މިހާރު ހިނގަމުން މިދާ ބަރަކާތްތެރި ދުވަސްތަކަކީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ ރަމަޟާންމަސް ކަމުގައި ވެފައި، މި މައްސަރަކީ ސުލްހައަށްޓަކައި ޖިހާދުކުރުމުގެ މައްސަރުކަމަށާއި އެހެންކަމުން އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އެ ޕާޓީން އަޑުއުފުލައި އިޙްތިޖާޖްކުރުމަށް ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ ދިފާއީ ހައްގު ހިންގަނީކަމުގައި ބުނެ އިސްރާއީލުގެ ފަރާތުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާމެދު އެ ޕާޓީން ނުހަނު ކަންބޮޑުވެ، ނުރުހުން ފާޅުކުރުމުގެ އަޑުން އެކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ މައްސަލަ މާބޮޑަށް ނުބައިވެ ފަލަސްތީނުގެ އެތަކެއް ރައްޔިތުންނެއް މަރުވަމުންގޮސް މައްސަލަ ގޯސްވެފައިވާތީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން، އިސްރާއީލާއި ފަލަސްތީނުގެ ވެރިންނަށް ގުޅުއްވައި އެ ހަމަނެޖުން މައިތިރިކުރުމަށް އެންގެވި އެންގެވުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ ފާލުން ނެއްޓުމުގެ ސަބަބެއްކަމުގައިވި، ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވެގެންއުޅޭ އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ ފުރާވަރުގެ ކުއްޖެއް ދިރިހުއްޓާ ރޯކޮށްލި މައްސަލަ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ގަތުލުތަކާއި ނަފްސު ނިކަމެތިކުރުމުގެ އަމަލުތަކަކީ އިސްރާއީލުން ކަނޑައެޅިގެން ވަކި ނިޒާމެއްގެ މަތިން ގެންގުޅޭ އިސްތިއުމާރީ ސިޔާސަތެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.