އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާ އިންސާނީ ހަމަލާތައް ހުއްޓާލުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ރައީސް އޮފީހުން މިއަދު ނެރުއްވި ނޫސް ބަޔާނެއްގަ އެވެ. އެ ނޫސް ބަޔާނުގައި ރައީސް ޔާމީން ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ.

"އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ވައިގެ ހަމަލާތައް ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމު ކުރުމަށް އިސްރާއީލަށް ރައީސް ގޮވާލައްވައި،" ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އެ ބަޔާނުގައި ވިދާޅުވީ، ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި ސުލްހަ ގެނައުމަށް އެއް މޭޒެއް ދޮށަށް އައުމަށް އިސްރާއީލަށް ރައީސް ގޮވާލައްވާ ކަމަށާއި ސުލްހަވެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކަތަކުގައި ފަލަސްތީނާއި އިސްރާއީލަށް ސުލްހައާ އެކު އުޅެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

މި ހަފްތާތެރޭގައި އިސްރާއީލުން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ރައްޔިތުންތަކެއް ޝަހީދުވެ، ބައެއް މީހުންނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދީން ވެސް ހިމެނެ އެވެ.