ޑީއާރުޕީގެ ލީޑަރަކީ ކޮން ބޭފުޅެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެ ޕާޓީގައި ލީޑަރެއް ހުންނަވަނިކޮށް ރޫހާނީ ލީޑަރަކާއި ޖިސްމާނީ ލީޑަރެއް ވަޑައިގަތުމުން އޮޅުން ބޮޅުން ބޮޑުވެއްޖެ ކަމަށް ރައީސޖުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޑިކެޓްގައި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް މުހައްމަދު އައިމަން އިސްމާއިލްގެ ކެމްޕޭން ޖަހަގަ ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަރަށް ބޮޑު އޮޅުންތަކެއް އަރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ވާދަވެރި ސިޔާސީ ޕާޓީއެއް ހިގަންވާ ގޮތުގައި އެ ޕާޓީ ނުހިނގާ ކަމަށެވެ.
"ޕާޓީއެއްގައި ލީޑަރަކު ހުންނަން ޖެހޭ. އެއީ ވަކި މީހެއްކަން އެ ޕާޓީގެ އެންމެންނަށް ސާފުވާންޖެހޭ. އެ ލީޑަރަކީ ވަކި އުސޫލަކުން، ވަކި ގޮތަކުން ކަނޑައެޅޭ މީހެއް ކަމަށް ވާން ޖެހޭ. އެގޮތަށް ލީޑަރަކު ހުންނަންވަނިކޮށް އޭގެ ތެރެއަށް ރޫހާނީ ލީޑަރަކާއި ޖިސްމާނީ ލީޑަރެއް ވަޑައިގަތުމުން އެ ބާވަތުގެ އޮޅުން ބޮޅުން ބޮޑުވީމާ ވާދަވެރި ސިޔާސީ ޕާޓީއެއް ހިންގަން އުނދަގޫވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫތައް ހުއްޓުވުމަށް ކަމަށާއި އެ މީހުން ބޭނުންވަނީ ސަރުކާރު ބަދަލުކޮށްލަން ނުވަތަ ވެރިކަން ހުރަސްއެޅުމަށް ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ހިތްހަމަޖެހިގެން އުޅުމަކީ އިދިކޮޅު ފަރާތްތަކަށް މުހިންމު ކަމެއް ނޫން ކަމާށާއި ސަރުކާރުން ހިންގާ އިޖުތިމާއީ ރައްކާތެރިކުމުގެ ޕްރޮގްރާމަށް ހުރަސް އެޅުމަށްޓަކާ މާލިއްޔަތު ގާނޫނަށް ސިޔާސީ ފަރާތްތަކުން އިސްލާހު ގެނައީ ވެސް އެ ބޭނުމުގައި ކަމަށެވެ. އަދި އެ މީހުން ހަމައެކަނި ބޭނުންވަނީ ވެރިކަމުގެ އާރާއި ބާރު ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
"ރައްޔިތުން ހިތްހަމަޖެހިގެން އުޅުމަކީ އެ ސިޔާސީ ފަރާތްތަކަށް މުހިންމު ކަމެއް ނޫން. ބޭނުންވަނީ ސިޔާސީ ބާރު. ބޭނުންވަނީ ވެރިކަމުގެ އާރާއި ބާރާއި އޭގެ ޝެހެން ޝާހާއި އަރާމާއި އުފާ. އެނޫން ކަމެއް މި ބޭފުޅުންގެ ހިޔާލަކު ހުރި ކަމެއް އަޅުގަނޑަކަށް ހަމަ އެއްވެސް ގޮތަކަށް ނުފެނޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށާއި އެ އުސޫލުން ސަރުކާރުން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރާނެ ކަމަށެވެ.