10 Jul 2014, 22:32
ޓީވީއެމް އާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވޯލްޑްކަޕްގެ މެޗުތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާތީ މީޑިއާ ނެޓުން ކޮށްފައިވާ ދައުވާގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ކޮމިޝަނުން ބުނެފި އެވެ.
ސިވިލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މީޑިއާ ނެޓުން ދެއްކި ވާހަކަތަކަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން މީޑިއާ ނެޓުން ކުރިން ނެރެފައިވާ ލިޔުމެއްގެ ކޮޕީ ޝަރީއަތަށް ހުށަހެޅުމަށް ފަހު، ކޮމިޝަންގެ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
މީޑިއާ ނެޓުގެ ވަކީލު ޝަހުދީ އަންވަރު ވިދާޅުވީ އެ ކުންފުނީގެ ފަރާތުން ދައުވާ ކޮށްފައި ވަނީ ސޮނީ ސިކްސް އާއި ސޮނީ ސިކްސް އެޗްޑީ މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ރީބްރޯޑުކާސްޓު ކުރުން ހުއްޓާލުމަށް ކޮމިޝަނުން އެންގިއިރު ޑިއު ޕްރޮސެސް ފުރިހަމަނުކުރާތީ ކަމަށެވެ.
ޝަހުދީ ވިދާޅުވީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ގަޒިއްޔާއެއްގައިވާ ގޮތުން އެއްވެސް ބަޔަކާ މެދު ފިޔަވަޅު އެޅޭނީ ޑިއުޕްރޮސެސް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވީ ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ކުރާ ދައުވާގެ މައިގަނޑު އަސާސްތަކަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބްރޯޑްކާސްޓިން ކޮމިޝަނުން އިއުތިރާފުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޮނީ ސިކްސް މީޑިއާ ނެޓުން ރީ ބްރޯޑުކާސްޓު ކުރަނީ އެހެނިހެން ޗެނަލްތައް ވެސް ދައްކާ ގޮތަށް އާންމު ވިޔަފާރިއެކޭ އެއްގޮތަށް އެޗެނަލާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ 11:45ގައި އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީސް ބާއްވާނެ ކަމަށެވެ.
ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗުތަކަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ކޮމިޝަނުން އިއުލާންކޮށްފައިވާ އިވެންޓެކެވެ. އަދި އެ އިއުލާނާ ގުޅިގެން ވޯލްޑް ކަޕް ރައިޓްސް ނެގި ކަމަށް ކޮމިޝަނަށް އަންގާފައި ވަނީ، ކޮމިޝަނުން ބުނި ގޮތުގައި ޓީވީއެމް އާއި ވީޓީވީ އިން އެކަންޏެވެ. ނަމަވެސް ވޯލްޑް ކަޕް ފެށި ރެ އާއި ވިދިގެން އައި ރޭ ވޯލްޑް ކަޕްގެ މެޗުތައް އައިސްޓީވީ އިން ދެއްކި އެވެ. އަދި އޭގެ ފަހުން ރާއްޖޭގެ ހަމަ އެކަނި ކޭބަލް އޮޕަރޭޓަރު މެދުވެރިކޮށް އިންޑިއާގެ ކުންފުނި، ސޮނީ ސިކްސް އިން އަންނަނީ ވޯލްޑް ކަޕްގެ މެޗުތައް ދައްކަމުން ނެވެ.
ކޮމިޝަންގެ ލިސްޓެޑް އިވެންޓް ގަވާއިދު ބުނާ ގޮތުން ކޮމިޝަނުން ލިސްޓްކޮށްފައިވާ އިވެންޓެއް ނަގާ ފަރާތަކުން، އެ އިވެންޓް ވިއްކާ ފަރާތަކަށް އެއީ ލިސްޓެޑް އިވެންޓެއް ކަން އެންގުމަކީ އިވެންޓްގެ ރައިޓްސް ނަގާ ފަރާތުގެ ޒިންމާއެކެވެ. އަދި އެކަން އެގްރީމަންޓްގައި ބަޔާން ކުރަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.