10 Jul 2014, 21:52
ވޯލްޑް ކަޕުގެ ފައިނަލުގެ ޖާގައެއް އާޖެންޓީނާއަށް ހައްގު ނޫންކަމަށް ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވި ނެދަލެންޑްސް ޓީމުގެ ވިންގާ އާޔެން ރޮބެން ބުނެފި އެވެ.
ސެމީގައި ރޭ އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގައި ދެ ޓީމަށް ލަނޑު ޖެހުމަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވުމުން ކުޅުނު އިތުރު ވަގުތުގައި ވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އާޖެންޓީނާ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުންނެވެ.
ނެދަލެންޑްސް ޕެނަލްޓީއަށް ނުކުތް އިރު، ކުއާޓާ ފައިނަލުގައި ޕެނަލްޓީތައް ދިފާއުކޮށް ބަޠަލަކަށްވި އެޓީމުގެ ބަދަލު ގޯލްކީޕަރު ޓިމް ކްރުލް ފެނިފައެއް ނުވެއެވެ. އާޖެންޓީނާއިން ނެދަލެންޑްސްގެ އެއް ނަންބަރު ކީޕަރު ކޮޅަށް ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު، އާޖެންޓީނާގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ ނެދަލެންޑްސްގެ ދެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ.
"އާޖެންޓީނާއަށް ފައިނަލުގެ ޖާގައެއް ހައްގެއް ނޫން،" ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބެން ބުންޏެވެ. "އެމީހުންނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދިފައެއް ވެސް ނުވޭ. އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އަހަރެމެންނަށް. ފައިނަލުގައި ޖަރުމަނުން ޗެމްޕިއަންކަން ހޯދާނެ ކަމަށް އަހަރެން އުންމީދުކުރަން. އެޓީމުގައި އަހަރެންގެ ގިނަ ރައްޓެހިންތަކެއް އެބަތިބި. ޖަރުމަނަކީ މޮޅު ޓީމެއްކަން އެމީހުން ދައްކުވައިދީފި."
މުބާރާތުގެ ތިންވަނަ ހޮވާ މެޗަށް ނެދަލެންޑްސް ނުކުންނަ އިރު، އެއީ މާ މުހިންމު މެޗެއް ކަމަކަށް ރޮބެން ނުދެކެ އެވެ. އޭނާ ބުނީ، ނެދަލެންޑްސް ޓީމާ މެދު އޭނާ ފަހުރުވެރިވާ ކަމަށާއި އާޖެންޓީނާއާ ދެކޮޅަށް މޮޅަށް ކުޅެ ބަލިވެގެން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ 01:00 ގައި ބްރަސީލިއާގެ އެސްޓޭޑިއޯ ނޭސިއޮނަލްގައި ކުޅޭ ތިންވަނަ ހޮވާ މެޗަށް ނެދަލެންޑްސް ނުކުންނަން ޖެހޭނީ އަމިއްލަ ފަސްގަނޑުގައި ކުޅޭ ބްރެޒިލްއާ ދެކޮޅަށެވެ.