ވެސްޓް ޕާކް މައްސަލައިގައި މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާ ސިވިލް ކޯޓުން ބާތިލުކޮށްފި އެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް ޔޮޓްޓުއާސް އިން ދައުވާކޮށްފައި ވަނީ، ވެސްޓް ޕާކް ކެފެޓީރިއާ ހިންގާ ބިން ޔޮޓް ޓުއާސްއާ ހަވާލުކޮށްފައި ވަނިކޮށް އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިން މައްސަލައިގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އިން ހިންގަމުން އައި ވެސްޓްޕާކް ހުރި ބިން، ތަރައްގީކޮށްގެން ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ، ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރަށް 10 އަހަރު ދުވަހަށް ކުއްޔަށް ދީފަ އެވެ.

ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ސިޓީ ކައުންސިލާ ދެކޮޅަށް ޔޮޓްޓުއާސް އިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގުމަށް ޓަކައި، ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ޔޮޓްޓުއާސްގެ ފަރާތުން މަގުބޫލު އުޒުރެއް ނެތި ހާޒިރުވެފައި ނުވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކުރީކަމަށެވެ.

ޔޮޓް ޓުއާސް އިން ކުރި ދައުވާގައި ވަނީ ސިޓީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެމެ، އެ ހައްގު ސިޓީކައުންސިލުން ނިގުޅައި ގެންފައި ވާތީ ކައުންސިލްގެ މައްޗަށް އެގޮތަށް އަމަލު ނުކުރުމަށް އަމުރުކޮށް ދިނުމަށެވެ.