10 Jul 2014, 21:29
ކޮކާ-ކޯލާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 'ބީ'ގައި މިއަދު ހަވީރު ކްލަބު ވެލެންސިއާ އާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.
އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އަދި ޑީއެސްސީއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ ޖާޒީ ނަންބަރު ހަތެއް، ހަސަން ފަޔާޒެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް 'އޭ'ގައި އޮތީ އީގަލްސް އާއި ބީޖީގެ އިތުރުން މަހިބަދޫ އާއި ވިކްޓަރީ އެވެ. އަދި ގްރޫޕް 'ބީ'ގައި އޮތީ އޭވައިއެލް އާއި ސޮކަވެޓެރަންސް އެސޯސިއޭޝަނާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ އެވެ.
މި މުބާރާތަކީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ މުބާރާތެއް ނަމަވެސް، 35 އަހަރުން މަތީގެ 10 ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރެވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު ކުޅުންތެރިންނަށް އެއް ފަހަރާ ކުޅެން އެރޭ ގޮތައް ވެސް ވަނީ ހަމަޖައްސައިފައެވެ.
މި މުބާރާތުގައި މާދަމާ ވެސް ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. ސޮކާ ވެޓެރަންސް އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރާ އެ މެޗު ފަށާނީ މާދަމާ ހަވީރު 4:40ގައެވެ.