ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިއަދު ހެނދުނު ބޭއްވެވި އެ ޖަލްސާގައި، މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ، ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނެވެ.

ގައުމީ ސަލާމަތާބެހޭ މަޖިލީހަކީ، ސިފައިންގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ގައުމީ ސަލާމަތާ ގުޅޭ އެންމެހައި ކަންތައްތަކުގައި، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފަޔާއި މަޝްވަރާ ދެއްވުމަށްޓަކައި އުފައްދަވާފައިވާ މަޖިލީހެކެވެ.