މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މއ. އައިޝާ، ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ދެ ކުދިން އެ މައްސަލައަށް ޖަވާބުދާރީވުމުގެ ކުރިން އިޖުރާއީ ނުކުތާއެއް ނަގައިފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ދެ ކުދިންގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަގާފައި ވަނީ ދައުލަތުން ހުށަހެޅި ހެކީން ސިއްރުކޮށްފައިވާތީ އެ ހެކީންގެ ބަޔާންތައް ދައުވާ ލިބޭ ފަރާތްތަކަށް ދޫނުކުރުމަށް ގާޒީ ނިންމެވުމުން، އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ ދެ ކުދިންގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އެ ބަޔާންތައް ދޫނުކުރުމުން ކުށުން ބަރީއަވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ ކުދިންގެ ފަރާތުން ފާހަގަކުރި ކަންތައްތަކަކީ އިޖުރާއީ މައްސަލައެއްގެ ގޮތުގައި ޝަރީއަތުން ބަލައިގެންފައިވާ ކަމަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މީގެކުރިން ހައިކޯޓުން ނިންމި ގަޒިއްޔާއެއްގައި ކަނޑައަޅާފައި ވަނީ ދައުލަތުން ސިއްރުކުރާ ހެކީންގެ ބަޔާންތައް ދައުވާ ލިބޭ ފަރާތްތަކަށް ދޫކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ ހެކީން ޝަރީއަތަށް ހާޒިރުކުރުމުން އެމީހުންނާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތައް ލިބިގެންވާ ކަމަށް ވެސް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ފުރަތަމަ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދެވަނަ ކުއްޖާ އިން ސައިކަލްގެ ފަހަތަށް އެރުމުން އެ ކުއްޖާ ގޮވައިގެން ދެވަނަ ކުއްޖާ އެތަނުން ގޮސްފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ހުސައިން ވަހީދު މަރުވެފައި ވަނީ އެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެރޭ 11:10 އެހައިކަށް ހާއިރު އެވެ.

ފުލުހުން ބުނެފައި ވަނީ ހުސައިން ވަހީދު މަރާލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގްރޫޕްތަކެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށެވެ.

ހުސައިން ވަހީދުގެ މެޔަށް ވަޅިހެރި ކުއްޖާ އަކީ އިސްލާހީ ޕްރޮގްރާމްގެ ދަށުން މުޖުތަމައުއަށް ދޫކޮށްލާފައިވާ ކުއްޖެއް ކަމަށާއި އެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމާ އެކު، އިސްލާހުވެ މުޖުތަމުގައި އުޅުމަށް އެކުއްޖާ އަށް ދިން ފުރުސަތު ނިމުމަކަށް ގެނެސް، ޖުވެނައިލް ކޯޓުގެ އަމުރަކާ ގުޅިގެން އެކުއްޖާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.