ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށާ ގަޑި އަށް ބަދަލު ގެނެސްފި އެވެ.

ކުރިން ހަމަޖައްސާފައި އޮތްގޮތުން އެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 3:30 އާ ހަމައަށެވެ.

ވޯޓުލާ ގަޑި ބަދަލުކުރިކަން އާންމުކޮށް އެންގުމަށްޓަކައި ބަންޑާރަ ނާއިބް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޯޓުލުން ފަށާ ގަޑިއަކީ ހެނދުނު 10:30 ކަމަށާއި ވޯޓުލުން ނިމޭނީ ކުރިން ވެސް ހަމަޖައްސާފައުވާ ފަދައިން މެންދުރު ފަހު 3:30 ގައި ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑިއަށް ގެނެވިފައިވާ ބަދަލާ ގުޅިގެން ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޖޭއެސްސީ އިންތިޚާބުގައި މާލޭގެ އިތުރުން ވޯޓުލުން ކުރިއަށްދާނީ ހއ. އިހަވަންދޫ އާއި ހދ. ކުޅުދުއްފުއްޓާއި ތ. ވޭމަންޑޫ އާއި ލ. ފޮނަދޫގެ އިތުރުން ގއ. ވިލިނގިލީގަ އެވެ.

ކުޅުދުއްފުށި ފިޔަވައި އެހެން ކޮންމެ ރަށެއްގައި ވެސް ވޯޓުލުން ކުރިއަށްދާނީ އެރަށެއްގެ ކައުންސިލް އިދާރާގައި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. ކުޅުދުއްފުށީގައި ވޯޓުލުން އޮންނާނީ އެރަށު އަމީރު އަމީން ސްކޫލުގަ އެވެ.

އެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވި ލަތީފާ ގާސިމް އާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރުގެ އިތުރުން ގާނޫނީ ވަކީލު މުހައްމަދު ފައިސަލެވެ.