10 Jul 2014, 17:06
މީޑިއާ ނެޓުގެ ފަރާތުން ސޮނީ ސިކްސް އާއި ސޮނީ ސިކްސް އެޗްޑީ މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ދައްކަނީ ރީ ބްރޯޑުކާސްޓު ކުރުމުގެ ގަވާއިދާ ޚިލާފަށް ކަމަށް ބްރޯޑުކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެހެން ބުނީ ޓީވީއެމް އާއި ވީޓީވީ ފިޔަވައި އެހެން ޗެނަލެއް މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ރީބްރޯޑްކާސްޓު ނުކުރުމަށް ބްރޯޑުކާސްޓިން ކޮމިޝަނުން އަންގާފައިވާތީ އެކަމާ ގުޅިގެން މީޑިއާ ނެޓުން ކުރި ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
މީޑިއާ ނެޓުގެ ދައުވާ އަށް ޖަވާބުދާރީވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސޮނީ ސިކްސް އާއި ސޮނީ ސިކްސް އެޗްޑީ މެދުވެރިކޮށް ވޯލްޑްކަޕްގެ މެޗުތައް ދައްކަނީ ރީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ޅ)އާ ޚިލާފަށް ކަމަށްވާތީ، އެގޮތަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.
ރީ ބްރޯޑުކާސްޓް ކުރުމުގެ ގަވާއިދު ބުނާ ގޮތުން ލިސްޓެޑް އިވެންޓުތައް ދެއްކުމަށް ފީއެއް ނުނެގޭނެ ކަމަށާއި ނަމަވެސް އެޗްޑީކޮށް ޗެނަލްތައް ދެއްކުމަށް މީޑިއާ ނެޓުން ޚާއްސަ ފީއެއް ނަގަމުން އަންނަ ކަމަށް ވަކީލު ވިދާޅުވި އެވެ.
މީޑިއާ ނެޓުގެ ވަކީލު ޝަހުދީ އަންވަރު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން އެކުންފުންޏާ މެދު އެޅި ފިޔަވަޅަކީ އެއްވެސް ގާނޫނެއްގެ އެއްވެސް މާއްދާއެއްގައި ބުނެފައިވާ ފަދަ ފިޔަވަޅެއް ނޫން ކަމަށެވެ. އަދި ކޮމިޝަނުން މިއަދު ދެއްކި ވާހަކަތަކަށް ޖާވާބުދާރީވުމުގެ ފުރުސަތަކަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މިރޭ ބާއްވާ ޝަރީއަތުގެ މަޖިލީހުގައި މީޑިއާ ނެޓަށް އެ ފުރުސަތު ދެއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.