މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ މެދު ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ސުވާލު އުފައްދައިފި އެވެ.

އެ ގްރޫޕުން ކޮމިޝަނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ވޯލްޑްކަޕް ރައިޓްސް ނަގާފައިވާ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރުމަށް ކޮމިޝަނުން ދެއަމުރެއް ނެރުނު ނަމަވެސް ތަންފީޒު ކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެކަމުގައި ފޮރުވިފައިވާ ހަގީގަތެއް އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"...ވޯލްޑްކަޕް ރައިޓްސް ނަންގަވާފައިވާ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރައްވާނެކަން ދެއްކެވުމުގެ ގޮތުން ގޮތުން އަމުރެއް ނެރުއްވި އެވެ. އެހެން ނަމަވެސް އަމުރު ތަންފީޒުކުރެއްވުމަށް ތިޔަފާތުން ފުލުހަށް ވެސް އަދި ކޯޓް އަމުރެއް ވެސް ނެރުއްވުމަށް ދުރުވެވަޑައިގަތެވެ. ކޯޓަށް ދިއުމުން ދުރުވެވަޑައިގަނެ މިކަމުގައި ގަވައިދާ ހިލާފަށް ފައިދާ ނަގަމުންދާ ފަރާތަށް ފަހިވާގޮތަށް އަމަލުކުރެއްވުމުން ކަށަވަރު ވަނީ ފޮރުވިފައިވާ ހަގީގަތެއް އޮންނާނެ ކަމަށެވެ،" ލޮބީ ގްރޫޕުން ކޮމިޝަނަށް ފޮނުވި ސިޓީގައިވެ އެވެ.

އެކަމުގައި އެހެން ފަރާތަކަށް ކޯޓަށް މައްސަލަ ވައްދަން ފުރުސަތު ދިނީ ލިސްޓެޑް އިވެންޓް ގަވައިދު އުވާލަން ވެގެން ކަމަށް ދެކޭ ކަމަށް ވެސް އެސިޓީގައި ބުނެފައިވެ އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗުތަކަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ކޮމިޝަނުން އިއުލާންކޮށްފައިވާ އިވެންޓެކެވެ. އަދި އެ އިއުލާނާ ގުޅިގެން ވޯލްޑް ކަޕް ރައިޓްސް ނެގި ކަމަށް ކޮމިޝަނަށް އަންގާފައި ވަނީ، ކޮމިޝަނުން ބުނި ގޮތުގައި ޓީވީއެމް އާއި ވީޓީވީ އިން އެކަންޏެވެ. ނަމަވެސް ވޯލްޑް ކަޕް ފެށި ރެ އާއި ވިދިގެން އައި ރޭ ވޯލްޑް ކަޕްގެ މެޗުތައް އައިސްޓީވީ އިން ދެއްކި އެވެ. އަދި އޭގެ ފަހުން ރާއްޖޭގެ ހަމަ އެކަނި ކޭބަލް އޮޕަރޭޓަރު މެދުވެރިކޮށް އިންޑިއާގެ ކުންފުނި، ސޮނީ ސިކްސް އިން އަންނަނީ ވޯލްޑް ކަޕްގެ މެޗުތައް ދައްކަމުން ނެވެ.

ކޮމިޝަންގެ ލިސްޓެޑް އިވެންޓް ގަވާއިދު ބުނާ ގޮތުން ކޮމިޝަނުން ލިސްޓްކޮށްފައިވާ އިވެންޓެއް ނަގާ ފަރާތަކުން، އެ އިވެންޓް ވިއްކާ ފަރާތަކަށް އެއީ ލިސްޓެޑް އިވެންޓެއް ކަން އެންގުމަކީ އިވެންޓްގެ ރައިޓްސް ނަގާ ފަރާތުގެ ޒިންމާއެކެވެ. އަދި އެކަން އެގްރީމަންޓްގައި ބަޔާން ކުރަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ލޮބީ ގްރޫޕްގެ ސިޓީގައި އަދި ބުނެފައި ވަނީ ކޮމިޝަނުން މިހާރު އަމަލުކުރާ ގޮތުން ކޮމިޝަނުގެ ބޭނުން ނުކުރެވި ޓެކްސް ދައްކާ ފަރާތުގެ ފައިސާ ބޭކާރުވަމުންދާ ކަމަށެވެ.