ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށި އިރު ނުކުޅެދޭ މީހުންގެ ދަފްތަރުގައި 1500 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޖެންޑާ ޑިޕާޓްމަންޓުން ބުނެފި އެވެ.
ޖެންޑާ ޑިޕާޓްމަންޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ޑިސެމްބަރު 26، 2010 ގައި ހުޅުވާލި ފުރުސަތުގައި މިހާތަނަށް ހުށަހަޅާފައި ވަނީ 3384 ފޯމު ކަމަށެވެ.
އޭގެ ތެރެއިން 1500 އަށް ވުރެ ގިނަ މީހުން މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އިތުރު ފޯމުތައް ވެސް ބަލައި ފާސްކުމުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލެވުނުކަން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީން އިއުލާނު ކޮށްފައިވަނީ އިއްޔެ އެވެ. ނަމަވެސް ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ އިނާޔަތްތައް ނެޝަނަލް ޕްރޮޓެކްޝަން އެޖެންސީ [އެންސްޕާ] މެދުވެރިކޮށް ލިބެން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް ޖެންޑާއިން ބުނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލުން ބުނާ ގޮތުގައި ރާއްޖޭގެ އާބާދީގެ ހަތް ޕަސަންޓާއި 10 ޕަސަންޓަކީ ނުކުޅެދޭ މީހުންނެވެ. ނަމަވެސް ނުކުޅެދޭ މީހުންގެ ތަފާސްހިސާބެއް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ބެލެހެއްޓިފައި ނުވުމަކީ "ގާނޫނު ތަންފީޒު ކުރުމަށް އެޅޭ ބޮޑު ހުރަހެއް" ކަމަށް އެ ކައުންސިލުން ދަނީ ބުނަމުން ނެވެ.
"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަސްދީގު ކުރެއްވީ ޖުލައި 8، 2010ގައި އެވެ. އެ ގަނޫނު ތަސްދީގު ކުރެއްވިތާ ހަ މަސް ދުވަސް ވުމާ ގުޅިގެން އެ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ އިއްޔެ އެވެ.