ރާމަﷲ (ޖުލައި 10): އިސްރާއީލުގެ އަމާޒަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ނޫންކަމަށާ ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ސިފަކުރައްވައިފި އެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ވައިގެ ވަރުގަދަ ޙަމަލާތަކެއްދީ ފަލަސްތީނުގެ ރައްޔިތުން ޑަޒަން ޑަޒަނަށް މަރަމުން ގެންދިޔުމާ ގުޅިގެން ރާމަﷲ ގައި ބޭއްވި ފަލަސްތީނުގެ ލީޑަރޝިޕްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިހާރު ކުރިޔަށްގެންދާ އުދުވާން ފަށާފައި ވަނީ ހުޅަނގުއައްސޭރީގެ ޚަލީލް ސަހަރުން ކަމުގަ އެވެ. އެއަށް ފަހު ހިފާފައިވާ ގުދްސުގައި ވެސް އިސްރާއީލުން ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކޮށްލުމަށް ފަހު މިހާރު ހަމަލާތައް ދެމުންގެންދަނީ ޣައްޒާ އަށް ކަމަށާ މިއީ ޙަމާސްފަދަ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް ހިންގާ އުދުވާނެއް ނޫންކަމަށާއި މިއީ ފަލަސްތީނު ރައްޔިތުން މަރައި އެމީހުންގެ ނަސްލު ނައްތާލައި ތާއަބަދަށް ފަލަސްތީނުގެ ބިންތައް އަތްދަށުލައިގެން ތިބުމުގެ ރޭވުމުގެ ދަށުން އިސްރާއީލުން ހިންގާ އުދުވާނެއް ކަމަށް އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ އިސްރާއީލުގެ އަމާޒަކީ ޙަމާސް ޖަމާއަތް ނޫން ކަމަށާ އިސްރާއީލުގެ އަމާޒަކީ ފަލަސްތީނުގެ ރައްޔިތުން ކަމުގަ އެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ތިންދުވަހުގެ ތެރޭގައި ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށް 400 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވެ އެވެ. މީގެތެރޭގައި ގިނައީ ފަލަސްތީނުގެ އާންމު ރައްޔިތުންނެވެ. ފާއިތުވި ތިން ދުވަހުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ އާންމުންގެ ތެރޭގައި 13 ކުޑަކުދިންނާއި 7 އަންހެނުންގެ އިތުރުން 30 ފިރިހެނުން ހިމެނޭކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެ އެވެ. އިސްރާއީލުގެ ޙަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މުޖާހިދުންގެ އަދަދުވެސް 20 އަށް އަރާކަމަށް ޚަބަރުތައް ބުނެއެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލުގެ ވައިގެ ސިފައިން ދެމުން ގެންދާ ޙަމަލާތައް ފުޅާކޮށް އެއްގަމުމަގުން ޣައްޒާއަށް އަރާނެ ކަމުގެ އިންޒާރުވެސް އިސްރާއީލުންވަނީ ދީފަ އެވެ. ނަމަވެސް ފަލަސްތީނުގެ މުޖާހިދުންގެ ޙަމަލާތަކާ އެއްގަމު މަގުން ކުރިމަތިލާން އިސްރާއީލަށް ނުކެރޭނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް ގެންދަނީ އިސްރާއީލުގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދެމުންނެވެ. މިގޮތުން އިސްރާއީލުގެ ރަށްތަކަށް ޙަމާސް ޖަމާއަތުން 130 ރޮކެޓް ފޮނުވާލާފައިވާ ކަމަށާ މީގެތެރެއިން 10 ރޮކެޓެއް މެނުވީ އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމަށް ހުއްޓުވިފައިނުވާ ކަމަށް އިސްރާއީލުންވެސް އެއްބަސްވެފައިވެ އެވެ. މިހަމަލާތަކުގައި އިސްރާއީލުގެ ޔަހޫދީން މަރުވެފައިނުވިނަމަވެސް އިސްރާއީލުގެ ދެކުނުގައިވާ ޔަހޫދީ އެތަށް އަވަށެއްގައި ދިރިއުޅޭ ޔަހޫދީންވަނީ އެތަންތަން ދޫކޮށް ރައްކާތެރި ތަންތަނަށް ހިޖްރަކޮށްފަ އެވެ. (އަލްޖަޒީރާ)