އަރްބީލް (ޖުލައި 10): އިރާގުގެ ސަރުކާރުގައި ހިމެނޭ ވަޒީރުންގެ ތެރެއިން އެގައުމުގެ ކުރުދިސްތާން ސަރަހައްދަށް ނިސްބަތްވާ ވަޒީރުން، ކެބިނެޓްގެ ބައްދަލުވުންތަކަށް ޙާޒިރު ނުވުމަށް ކުރުދިސްތާން ސަރަހައްދުގެ ލޯކަލް ސަރުކާރުން އެބޭފުޅުންނަށް އަންގައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރުދިސްތާން ސަރަހައްދުގެ ލޯކަލް ސަރުކާރުން ވަނީ އިރާގުގެ މަރުކަޒީ ސަރުކާރުގެ ހަރަކާތްތައް ބޮއިކަޓްކޮށް ކެބިނެޓްގެ ބައްދަލުވުންތަކަށް ޙާޒިރު ނުވުމަށް ކުރުދީ ދަރިކޮޅުގެ ވަޒީރުންނަށް ލިޔުމަކުން އަންގާފަ އެވެ. މިއީ އިރާގުގައި ބޮންގޮއްވައި ހަރުކަށި އަމަލުތައް ހިންގަމުންގެންދާ "ޓެރަރިސްޓުން" ނަށް ކުރުދިސްތާން ސަރަހައްދުން ހިމާޔަތް ދޭކަމަށް ވިދާޅުވެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ދެއްވި ބަޔާނާ ދެކޮޅުހެދުމުގެ ގޮތުން ކުރުދީ ލީޑަރުން މާލިކީއާ ދެކޮޅަށް އެޅުއްވި ފިޔަވަޅެއްކަމަށް ރިޕޯޓްތައްބުނެ އެވެ.

މާލިކީ ވަނީ އިރާގުގެ މަޒުކަޒީ ސަރުކާރުގެ ބާރު ދެރަވެފައިވާ މިދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައިގެން އިރާގުގެ ކުރުދީ ލީޑަރުން އެގައުމުގެ ކުރުދިސްތާން ސަރަހައްދުގައި ކުރުދީންނަށް ވަކިދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ލީޑަރު މަސްއޫދު ބަރަޒާނީ ވަނީ އެސަރައްދު އިރާގުން ވަކިވެ ކުރުދީންނަށް މިނިވަން ދައުލަތެއް އިޢުލާން ކުރުމާބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މައްސަލަ އެސަރަހައްދުގެ ޕާލަމެންޓަށް ހުށަހަޅާނެކަން އިޢްލާން ކުރައްވާފަ އެވެ. މިމައްސަލާގައި އިރާގު ސަރުކާރުގެ އިތުރުން އަވަށްޓެރި ތުރުކީއާއި އީރާނުން ވެސް ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

އިރާގުގެ ސަރުކާރުގައި ހިމެނޭ ވަޒީރުންގެ ތެރޭގައި އިރާގުގެ ޚާރިޖީ ވަޒީރު ހޫޝިޔާރު ޒީބާރީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ކުރުދީ ލީޑަރުންގެ މިއަމުރާ އެއްގޮތަށް އިރާގުގެ ކެބިނެޓްގައި ހިމެނޭ ކުރުދީ ދަރިކޮޅުގެ ހުރިހާ ވަޒީރުން އަމލުކުރައްވާނެކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ޚަބަރުލިބެ އެވެ. އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ލީޑަރު މަސްއޫދު ބަރަޒާނީ ވަނީ ބޮޑުވަޒީރު ނޫރީއަލްމާލިކީގެ އިސްތިއުފާއަށްވެސް ގޮވާލައްވާފަ އެވެ. (ރޮއިޓާސް)