މަހަކު 100 ރުފިޔާ ދައްކަމުންގޮސް ފުރިހަމަ އަގު ދައްކައި ހަލާސްކުރާ ގޮތަށް އިސްކަންދަރު ސްކޫލްގެ ޓީޗަރުންނަށް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން 10 ލެޕްޓޮޕް ދޫކޮށްފި އެވެ.

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ސަން އަށް ވިދާޅުވީ އެ ލެޕްޓޮޕްތައް ހަވާލުކޮށްފައި ވަނީ އިސްކަންދަރު ސްކޫލްގެ ލެބޯރޭޓަރީ އާއި ސްޓޯރޫމް އަޕްގްރޭޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަމަށާއި ލެޕްޓޮޕްތަކުގެ އަގުދައްކައި ނިމޭ އިރު އެއްވެސް އިންޓަރެސްޓެއް އޭގައި ނުހިމެނޭ ގޮތަށް ދޫކުރި ލެޕްޓޮޕްތަކެއް ކަމަށެވެ.

ލެޕްޓޮޕްތައް ލިބޭ ޓީޗަރުން ހޮވާފައި ވަނީ ސްކޫލް ފަރާތުން ކަމަށާއި އެގޮތަށް ލެޕްޓޮޕްތައް ހަވާލުކުރުމުގެ ބޭނުމަކީ ޓީޗަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް އާސިފް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ތާގައި ވެސް އެފަދަ ކަންކަން ކުރައްވާނެ ކަމަށް އާސިފް ވިދާޅުވި އެވެ.

އެ ޖަމިއްޔާ އިން ވަނީ މިއަދު އިސްކަންދަރުގެ ލެބޯޓްރީ އަށް ބޭނުންވާ ބައެއް ތަކެތި ވެސް ހަދިޔާކޮށްފަ އެވެ.