ދަވްޙާ (ޖުލައި 10): އިސްރާއީލުގެ އުދުވާނުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނުތަކުގެ ތެރޭން ކުއްލި ޙާލަތުގައި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހޮސްޕިޓަލްތަކަށް އިތުރު ނަރުހުންނާއި ޑޮކްޓަރުން ވެސް ހޯދުމަށް ޓަކައި ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިޔަން އެމެރިކާ ޑޮލަރު ގަތަރުން ފަލަސްތީނަށް ދީފި އެވެ.

ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމަށް ޓަކައި 2013 ވަނަ އަހަރު ގަތަރުގެ ސަރުކާރުން އެކުލަވާލާފައިވާ ފަންނީ ކޮމިޓީގެ ވެރިޔާ މުޙައްމަދުލްއިމާދީ ވިދާޅުވީ މި ފަސް މިލިޔަން އެމެރިކާ ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއާ މިއަދު ހަވާލުކުރެވިފައިވާ ކަމުގަ އެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިހަފްތާގެ ކުރީކޮޅުން ފެށިގެން ކުރިޔަށް ގެންދާ އުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 72 މީހުން ޝަހީދުކޮށްލައި 500 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ އިރު މީގެ ތެރެއިން ގިނަ މީހުންނަކީ އާންމުންނެވެ.

ޒަޚަމްވެފައިވާ 500 އެއްހާ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހުމުން ޣައްޒާގެ ހޮސްޕިޓަލްތައް ތޮއްޖެހި ބޭހާއި ކުއްލި ޙާލަތްތަކުގައި ކުރަން ޖެހޭ އޮޕަރޭޝަންތަކަށް ބޭނުންވާ ތަކެއްޗަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށާ ގަތަރުގެ ހިލޭ އެހީގެ ސަބަބުން މިކަމަށް ކޮންމެވެސް ހައްލެއް އަންނާނެ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ. ގަތަރުގެ އަމީރު ތަމީމް ބިން ޙަމަދު ބިން ޚަލީފާ ވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ދެމުން ގެންދާ އުދުވާނާ ގުޅިގެން ޙާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި ޓެންޓްފަދަ އިންސާނީ އެހީގެ ބާވަތްތައް ވެސް ކުއްލި ގޮތެއްގައި ޣައްޒާއަށް ފޯރުކޮށްދިނުމަށް ގަތަރުގެ ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވާފައި ކަމަށް އަލްޖަޒީރާ ޚަބަރުދެ އެވެ. (އަލްޖަޒީރާ)