ރަޝިޔާގެ ހެކަރު ރޯމަން ވެލެރިވިޗް ސެލެޒްނޯވް ރާއްޖޭގައި ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރި މައްސަލައިގައި ދިވެހި ސަރުކާރުން ރަޝިޔާ ސަރުކާރަށް މައުލޫމާތު ދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު އިނާޔާ ސްރީލަންކާގައި ހުންނަ ރަޝިޔާ އެމްބަސީގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ބުނީ "އިންޓަޕޯލް ރެޑްނޯޓިސްގެ ދަށުން ފޮނުވާލި ރަޝިޔާ މީހާގެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވާފައިވާ" ކަމަށެވެ.

ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުމަށް އެކަމުގެ ސަބަބުން ހީނަރުކަމެއް ނައިސް ކުރިއަށް ދާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އިނާޔާ ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ކުރިއަށް އޮތް ތާނގައި މިފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ރާއްޖެއާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ރަޝިޔާގެ އޮފިޝަލުން ވިދާޅުވި ކަމަށެވެ.

ރަޝިޔާ އެމްބަސީގެ އޮފިޝަލުންނާ އެކު އިނާޔާ ބޭއްވެވި ބައްދަލުވުމުގައި ސްރީލަންކާގައި އިންނަވާ ރާއްޖޭގެ ސަފީރާ ޒާހިޔާ ޒަރީރާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އަހުމަދު އުޝާމްއާއި މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި ހައްޔަރުކޮށް އެމެރިކާއާ ހަވާލުކޮށްފައިވާ ހެކަރަކީ ރަޝިޔާ ޕާލަމެންޓް މެމްބަރެއްގެ ދަރިއެކެވެ. އޭނާ ހައްޔަރު ކުރި މައްސަލައިގައި ރަޝިޔާ އިން ވަނީ ރާއްޖެއާ މެދު ކުރިން ނުހުރުން ފާޅުކޮށްފަ އެވެ.