އެކިއެކި ޗެނަލްތަކުން ބްރޯޑްކާސްޓްކުރާ ތަކެތި ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވާލައިފި އެވެ.

މާލެ އަދި މުޅި ރާއްޖެ އަށް ރީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތަށް ހުޅުވާލީ އެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމާ އެކު ވާދަވެރި މާޙައުލެއްގެ ތެރެއިން ހެޔޮ އަގުގައި ރަނގަޅު ފެންވަރުގެ ޚިދުމަތެއް ޢާންމު ރައްޔިތުންނަށް ލިބިދިނުމުގެ މަގު ފަހިކޮށްދިނުމަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ބްރޯޑްކާސްޓިން ގާނޫނުގެ 25 މާއްދާގައި ބުނެފައި ވަނީ ރީ ބްރޯޑްކާސްޓުކުރަން އެދޭ ޗެނަލަކީ އެ ގައުމެއްގެ ގާނޫނާއި ގަަވައިދާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ޗެނަލަކަށްވާން ޖެހޭނެ ކަމަށެވެ.