10 Jul 2014, 13:57
މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން އިތުރު ބަންދު ދުވަހެއްދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، ޖުލައި މަހުގެ 28 ވާ ހޯމަ ދުވަހަކީ، ޝައްވާލް މަހުގެ އެއް ވަނަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައި އިޢުލާންކޮށްފި ނަމަ، މި މަހުގެ 31ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ޖުލައި މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުނުވެ، ޖުލައި މަހުގެ 28 ވާ ހޯމަ ދުވަހަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީ އިން ކަނޑައަޅައި އިޢުލާން ކޮށްފި ނަމަ، ޖުލައި މަހުގެ 28 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ހަމަޖެއްސީ ފިތުރު ޢީދުގެ ބަންދާ ގުޅިގެން، ޗުއްޓީއާއި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސައި ދިނުމަށް ކަމަށެވެ.
ފިޠުރު ޢީދުގެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ، އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.