ހިތުގެ ޓެސްޓެއް ހެއްދެވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖެ އިން ބޭރުން ފުރުވާ ހޯއްދެވުމަށް ފަހު މިއަދު މާލެ ވަޑައިގަތުމުން އަނބުރާ ޖަލަށް ބަދަލުކޮށްފި އެވެ.

ހިތުގެ ޓެސްޓެއް ހެއްދެވުމަށް ޓަކައި ޖާބިރު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ މި އަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ޖާބިރު ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު މާލެ ވަޑައިގަތީ މިއަދުގެ ހެނދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޖާބިރު ހުންނެވީ ޖަލުގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ޖާބިރުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އަދި ޖާބިރު ރާއްޖެ އިން ބޭރުން ސިއްޙީ ފަރުވާ ހޯއްދެވި ލިޔެކިޔުންތައް ހަފްތާއެއްގެ ތެރޭގައި ކަރެކްޝަނަލް ސާވިސް އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"ޖާބިރު މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައި. ދެން މިހާރު ޖާބިރު ހުންނެވީ ޖަލުގައި. ފެންނަ ފެނުމަށް ޖާބިރުގެ ސީއްޙީ ހާލުކޮޅު ރަނގަޅު. ދެން ވަކި އެއްޗެއް ދަންނަވަން އެނގޭނީ ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދެވި ލިޔުންތައް ހުށަހެޅުއްވުމުން. އެ ލިޔުންތައް ހަފްތާއެއްގެ ތެރޭގައި ހުށަހަޅަން ޖެހޭނެ." އޮފިޝަން ވިދާޅުވި އެވެ.

ޖާބިރު ޖަލަށްލާފައި ވަނީ އޭނާ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން ކަނޑައެޅިގެން އެކަމަށް އިންކާރުކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ގުޅިގެންނެވެ.