10 Jul 2014, 13:05
އިންޑިޔާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން 2010 ވަނަ އަހަރު މާލޭގައި އަޅަން ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތް އަލުން ފެށުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގާ ކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ހުއްޓިފައިވާ އިރު އެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސަރުކާރުން ގެންދަނީ ޓާޓާ ކުންފުންޏާ އެކު މަޝްވަރާތައް ކުރަމުންނެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި ހައުސިން މިނިސްޓަރު އިއްޔެ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް އަލުން ފެށުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭނުންވާތީ ޓާޓާ ކުންފުންފުނީގެ މީހުންނާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޓާޓާ ކުންފުނީގެ ޓީމުން ސަރުކާރުގެ އިކޮނިމިކް ކައުންސިލާއެކުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ އިރު އެ މިނިސްޓްރީއާ އެކު މި ހަފްތާގައި އެކި ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ.
"އެޕެކްސް ރިއަލީޓީ (ޓާޓާގެ އަސްލު ކުންފުނި) އާ ގުޅޭ ހުރިހާ ފަރާތްކުން މާލެ އައިސްފައި ވަނީ. އެ މީހުންނާ ސަރުކާރުން މަޝްވަރާ ކުރި. އިކޮނަމިކް ކައުންސިލާއި އެ މީހުން ބައްދަލު ވެސްކުރި. އަޅުގަނޑުމެންނާ އެކު ވެސް މީޓީންތައް ބާއްވަމުން މިދަނީ މި ހަފްތާ ތެރޭގައި. މިހާރު ދެން އިރާދަކުރެއްވިއްޔާ ވަރަށް އުއްމީދު ބޮޑުކޮން މި އޮތީ ވަރަށް އަވަހަށް މަސައްކަތްތައް ފައްޓަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ސަރުކާރުން އެއްބަސްވާނީ ގާ ކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފެށޭނެ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ހަތަރު ބިމެއްގައި ފްލެޓް އެޅުމަށް ސަރުކާރުން ވަނީ ޓާޓާ ކުންފުންޏާ އެކު އެއްބަސްވެފަ އެވެ. ގާ ކޮއްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ފްލެޓް އިމާރާތްކުރުމަށް ޓާޓާއާ އެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2010 ވަނަ އަހަރުގެ މެއި 26 ވަނަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގާ ކޮށީގައި އިމާރާތްކުރާ 198 ފްލެޓް ނިމިފައި ވަނީ 33 ޕަސެންޓް ކަމަށެވެ. އަދި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރާ 45 ފްލެޓުގެ 35 ޕަސެންޓްގެ މަސައްކަތް ވަނީ ނިމިފަ އެވެ.
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފްލެޓް އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހަދާފައިވާ އެއްވެސް އެގްރިމެންޓަކަށް އުނި އިތުރެއް ނުގެނައުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އަންގައިފަ އެވެ. ފްލެޓް އެޅުމަށް ސަރުކާރުން 2010 ވަނަ އަހަރު ޓާޓާ ކުންފުންޏަށް ކުރީގެ އޯޑިއޯން ހުރި ބިމާއި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާކޮށި ހުރި ބިން ހަވާލުކޮށްފައިވާ އިރު އޯޑިއޯން ހުރި ބިމާއި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި މަސައްކަތް ފަށާފައެއްނުވެ އެވެ.