10 Jul 2014, 12:26
އެކިއެކި ދާއިރާތަކުން މަސައްކަތްކޮށް ހިދުމަތްދޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގައުމީ އިނާމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ އިނާމު ކޮމިޓީގެ ރައީސް އަބްދުއްރަޝީދު ހުސައިން ވިދާޅުވީ ގައުމީ އިނާމު މިހާރު ދެމުންގެންދާ އެކި ދާއިރާތަކުގެ ރޮނގުތަކަށް ސަރުކާރުގެ މިނސްޓްރީތަކާއި ބައެއް މިނިވަން މުއައްސަސާތަކުގެ ލަފަޔާ އެކު ބައެއް ބަދަލުތައް ގެނައުމަށް ފަހު މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ކަމަށެވެ.
އަބްދުއްރަޝީދު ވިދާޅުވީ މިފަހަރު ގައުމީ އިނާމުގައި ހިމެނެނީ ޖުމްލަ ދެ ގިންތި ކަމަށާއި އެއީ ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ކަމަށެވެ.
އެގޮތުން ޝަރަފްވެރިކަމުގެ އިނާމު ދެވޭނީ ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާ ހުރި ގޮތެއްގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ކަމަށާއި ދިގު މުއްދަތެއް ކަމަށް ބެލެވޭނީ ވަކި ފަރުދެއް ނަމަ އެ ދާއިރާގައި މަދުވެގެން 35 އަހަރު ހިދުމަތްކޮށްފައިވުން ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި އެ ދާއިރާގެ ހިދުމަތުގައި ޖުމްލަ 35 އަހަރުވުމުން ކަމަށެވެ. އަދި މުއައްސަސާއަކުން ނަމަ ދިގު މުއްދަތަކަށް ބެލެވޭނީ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރު ވުމާ އެކު ހިދުމަތުގައި 35 އަހަރު ވުމުން ކަމަށް ރަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް އިސްކަން ދިނުމަށް ޓަކައި މިފަހަރު ހިތްވަރު ދިނުމުގެ އިނާމު ދެވޭ ދާއިރާތަކުގެ ތެރޭގައި، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ދެވަނަ ގިންތިއެއްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް މި އިނާމު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އިނާމަށް ނަން ހުށައަޅާ ފޯމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި އެ އޮފީހުގެ ވެބްސައިޓް (www.presidencymaldives.gov.mv) އިން ލިބެން ހުންނާނެ ކަމަށް ގައުމީ އިނާމު ކޮމިޓީ އިން ބުނެ އެވެ.