ރަޝިޔާގެ ހެކަރު ރޯމަން ވެލެރިވިޗް ސެލެޒްނޯވް ރާއްޖޭގެ ގާނޫ ހިންގާ ފަރާތްތަކުން ހައްޔަރުކުރީ އޭނާ ހައްޔަރު ކުރަން އިންޓަޕޯލުން ރެޑްނޯޓިސް ނެރުމުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ތަރުޖަމާނު މިއަދު ވިދާޅުވީ ރާއްޖޭން އޭނާ ހައްޔަރު ކުރި ކުރުމަކީ ގާނޫނު ދެމެހެއްޓުމުގެ ފިޔަވަޅެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ރާއްޖޭން ކޮށްދީފައިވާ މަސައްކަތަށް އެމެރިކާ އިން ޝުކުރު އަދާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2011 ވަނަ އަހަރު، އެހެންވީމާ އެއީ ރަޝިޔާއާ އެމެރިކާއާ ދެމެދު މިހާރު އުފެދިފައިވާ މައްސަލަތަކަށް ވުރެ މާ ކުރީގެ ކަމެއް. އަދި އެއީ ކިޑްނެޕްކުރުމެއް ވެސް ނޫން ނުވަތަ ގާނޫނާ ހިލާފަށް ކުރި ކަމެއް ވެސް ނޫން،" އެމެރިކާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެލެޒްނޯވް ހައްޔަރުކުރީ އެހެން ގައުމަކުން އޭނާ ބޭރުކޮށްލުމުން ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާ އަށް ލިބޭނެ ހައްގުތައް ކިޔައިދީފައިވާ ކަމަށެވެ.

ސެލެޒްނޯވް އެމެރިކާ އިން ކިޑްނެޕްކޮށްފައިވާ ކަމަށާއި އެކަމުގައި ރާއްޖޭން އެހީތެރިވެދީފައިވާ ކަމަށް ރަޝިޔާ އިން ކުރިން ވަނީ ބުނެފަ އެވެ. އެކަން ހިނގި ގޮތް ރާއްޖޭން އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް ވެސް އެގައުމުން ވަނީ ބުނެފަ އެވެ.