10 Jul 2014, 11:58
އިސްރާއީލުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާ އަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 72 އަށް އަރައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލް ޖަޒީރާ ބުނީ އިސްރާއީލުން މިހަފުތާގައި ދޭން ފެށި ހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން 550 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އިސްރާއީލުން ޣައްޒާ އަށް ހަމަލާދޭން ފެށީ ހަމާސް ޖަމާއަތުން ދޭ ރޮކެޓް ހަމަލާތަކުން ދިފާއުވުމުގެ ނަމުގަ އެވެ. އިސްރާއީލުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ހަމާސް އިން 200 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ފަސް ކުޑަ ކުދިންނާއި ދެމީހުން މިއަދު ވެސް ވަނީ މަރުވެފަ އެވެ. އެ ހަމަލާއަކީ މިފަހަރު އިސްރާއީލުން ޣައްޒާ އަށް ހަމަލާދޭން ފެށި ފަހުން އެއް ހަމަލާއެއްގައި އެންމެ ގިނަ މީހުން މަރުވި ހަމަލާ ކަމަށް އަލްޖަޒީރާ ބުންޏެވެ.
ވައިގެ ހަމަލާތައް ދެމުން ދާއިރު އިސްރާއީލު ސިފައިން ދަނީ ބިމުން ޣައްޒާ އަށް އެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ބަރު ހަތިޔާރާ އެކު އެގައުމުގެ 40،000 ސިފައިން މިހާރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.
ހިފާފާފައިވާ ފަލަސްތީނުގެ ބިންތަކުގައި 1948 ވަނަ އަހަރު އިސްރާއީލު އުފެއްދި ފަހުން އެގައުމުން ދަނީ ފަލަސްތީނު މީހުންގެ ނަސްލު ސާފުކުރުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ.