10 Jul 2014, 11:15
ރާއްޖެ އަށް ކަނޑު މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ދިވެއްސަކު ގޭ ބަންދަށް ކްރިމިނަލް ކޯޓުން ބަދަލުކޮށްފި އެވެ.
ގާތްގަނޑަކަށް މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ މަސްތުވާތަކެތީގެ އެ މައްސަލާގައި ހިމެނޭ ދިވެހި މީހާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ، މި މަހުގެ އެއް ވަނަ ދުވަހު ދީފައިވާ ހަތް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ރޭ ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ގޭ ބަންދަށް ކޯޓުން ދީފައި ވަނީ 15 ދުވަސް ކަމަށެވެ.
އެ މައްސަލާގައި ހިމެނޭ ބަނގުލަދޭޝްގެ ދެ މީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އަދި އިތުރު ހަތަރު މީހަކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބައި ތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް، 15 ދުވަސް ޖުލައި 4 ވަނަ ދުވަހު ވަނީ ޖަހައިދީފަ އެވެ. އެއީ ތިން ދިއްސަކާއި ބަނގުލަދޭޝްގެ މީހެކެވެ. އޭގެ އިތުރުން، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނު ދެމީހުންގެ ބަންދުގެ މުއްދަތު މި މަހު 10 ގައި ހަމަވާނެ އެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ ހަތް މީހެކެވެ.
އެ އޮޕަރޭޝަންގައި އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެއްޗަކީ މި ފަހުގެ ތާރީޚެއްގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް އެންމެ ބޮޑު އަދަދުގެ މަސްތުވާތަކެއްޗެވެ. އެތަކެތި ދިވެހިރާއްޖެ އަށް އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ ޑިންގީއެއްގައި ފޮރުވައިގެން ހޮރްމޯޒް ނަމަކަށް ކިޔައި އީރާނުގެ ބޯޓަކުންނެވެ.
މަސްތުވާތަކެއްޗާ ހަވާލުވުމަށް ވައިލެޓް ނަމަކަށް ކިޔާ ދޯންޏެއް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ދެ ފަހަރެއްގެ މަތިން ދަތުރުކޮށްފައިވެ އެވެ.