ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ މި މަހުން ފެށިގެން ނަގަން ފެށުމުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދިވެހިންގެ އަތުންނާއި ރެސިޑެންޓް ޕާމިޓް އޮންނަ މީހުންގެ އަތުން ވެސް ޓެކްސް ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ޓީޖީއެސްޓީގެ ގާނޫނުގެ ދެވަނަ މާއްދާ ބުނާ ގޮތުން ޓެކްސް ނެގެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުންނާއި ޕިކްނިކް އައިލެންޑްތަކާއި ޓޫރިސްޓް އުޅަނދުތަކުން ދޭ ހިދުމަތްތަކައި ވިއްކާ ތަކެތީގެ އަގުންނެވެ. އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ޓެކްސް ނެގެނީ ހަމައެކަނި ޓޫރިސްޓުންގެ އަތުންނެވެ. އޭގެ ތެރޭގައި ވޯކް ވިސާ އާއި ބިޒްނަސް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންނެއް ނުހިމެނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިރާ އިން ނެރެފައިވާ ބަޔާނެއްގައި ބުނަނީ ޓީޖީއެސްޓީގެ ދަށުން ޓެކްސް ނަގާ ތަންތަނުން ދިވެހިންނާއި ރެސިޑެންޓް ޕާމިޓް އޮތް ފަރާތްތަކުން ހިދުމަތް ހޯދާއިރު އެއީ އެފަދަ ފަރާތެއްކަން އިނގޭނެ ފަދަ ރަސްމީ ލިޔުމެއް ބޭނުންކުރުމަށާއި އެފަދަ ތަނަކުން ޓެކްސް ނަގައިފި ނަމަ ލަސްނުކޮށް މިރާ އަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

ޓީޖީއެސްޓީއަށް މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން މީރާއިން އަންނަނީ ތަފާތު މަސައްކަތު ބައްދަލުވުންތަކާއި ޓުރެއިނިންގް ޕުރޮގްރާމްތައް ހިންގަމުންނެވެ. ގާނޫނުގައިވާ ގޮތަށް ޓެކްސް ދައްކަމުން ނުދާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިރާއިން ވަނީ މީގެ ކުރިން ދީފަ އެވެ.

މީރާގެ ޑައިރެކްޓަ ޖެނެރަލް، ރެވެނިއު ސާވިސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ޓޫރިސްޓު ހިދުމަތް ދޭ ތަންތަން ރަޖިސްޓްރީކުރުމަށް އެ އޮތޯރިޓީން ހުޅުވާލި މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ ޓޫރިސްޓް ރިސޯޓުތައް ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ސަފާރީ އުޅަދުތައް ރަޖިސްޓްރީ ކޮށްފައި ނުވާކަމަށާއި އެފަރާތްތަކަށް އެ މައުލޫމާތުތަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.