މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 5.67 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

ފަސް ބިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގައި މީރާ އިން ބަލައިގަނެފައިވާ 4.66 ބިލިއަން ރުފިޔާއަށް ވުރެ އެއް ބިލިއަން ރުފިޔާ އަދި 22 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ މި އަހަރުގެ ފުރަތަމަ ހަ މަހުގައި އެއޮތޯރިޓީ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ޖީއެސްޓީ އިން ކަމަށެވެ. އެގޮތުން ޖީއެސްޓީ އިން 2.33 ބިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ އާމްދަނީގެ 41.2 ޕަސެންޓް ކަމަށް ބުންޏެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ބީޕީޓީގެ ގޮތުގައި 1.39 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި އެއީ އާމްދަނީގެ 24.6 ޕަސެންޓް ކަމަށް މީރާ އިން ބުންޏެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މީރާ އަށް 544 މިލިއަން ރުފިޔާ ލިބިފައިވާ އިރު ބެޑް ޓެކުހުގެ ގޮތުގައި 383 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 227 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން އިތުރަށް ބުނީ މިދިޔަ ޖޫން މަހު މީރާ އަށް 1.27 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގައި ލިބިފައިވާ އާމްދަނީ އަށް ވުރެ 27.2 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި މިއީ މި މަހުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 24.8 ޕަސެންޓް އިތުރު އަދަދެއްކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން އިތުރަށް ބުނީ މިދިޔަ ޖޫން މަހުގައި ލިބިފައިވާ އާމްދަނީއަކީ މީރާ އަށް މިހާތަނަށް މަހެއްގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވާ މަސް ކަމަށެވެ. މީރާ އަށް މީހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ މަހަކީ މިއަހަރުގެ ޖެނުވަރީ މަހެވެ. ޖެނުއަރީ މަހު ލިބިފައި ވަނީ 1.30 ބިލިއަން ރުފިޔާ އެވެ.