10 Jul 2014, 10:37
ސްޓެލްކޯގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކުރުމަށް އެކޮމެޓީ އިން ނިންމައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން ސަރުކާރުގެ އިލެކްޓްރިކް ކުންފުނި ސްޓޭޓް އިލިކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ)ގެ މުއްދަތު އިތުރު ކުރުމަށް ފާސްކުރި އިއްޔެގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ސްޓެލްކޯގެ ހިންގުމާ ދޭތެރޭ ކަންބޮޑުވުންތަކެއް ހުރިކަން ފާޅުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކަރަންޓަކީ އަސާސީ ބޭނުމެއް ކަމަށް ވުމުން އޯޑީގެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް "ސްޓެލްކޯ ހިނގާ ގޮތާ މެދު ކަންބޮޑުވުންތަކެއް އެބަހުރި" ކަމަށެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު [ރެޑްވޭވް ސަލީމުގެ]ގެ ވާހަކައިގައި ވެސް ވަނީ ސްޓެލްކޯ ހިންގަމުންދާ ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް ސްޓެލްކޯ އެ ކޮމެޓީ އަށް ހާޒިރުކުރުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ ސްޓެލްކޯގެ ހިންގުމުގެ ހަރަދުތައް ބޮޑުކަން އޭނާ އަށް ފާހަގަ ކުރެވޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ ވެރިންނާއި ސުވާލު ކުރުމަށް ބޭނުންވާ ކަމަށެވެ.
އިއްޔެގެ ކޮމެޓީގައި ސްޓެލްކޯ އެ ކޮމެޓީ އަށް ހާޒިރުކުރަން ވޯޓް ދެއްވީ އަށް މެމްބަރުންނެވެ.
ސްޓެލްކޯ އެކޮމެޓީ އަށް ހާޒިރު ކުރާނެ ވަކި ދުވަހެއް އަދި ނުނިންމަ އެވެ.