10 Jul 2014, 10:24
ރޭ ފަތިހުގެ ވަގުތެއްގައި ގއ. ނިލަންދޫގައި ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަހްމަދު ނާސިހް އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ ދަންޖެހުނު ބިދޭސީމީހާ ފެނިފައި ވަނީ މިއަދު ހެނދުނު ކަމަށާއި އޭނާ ދަންޖެހިފައި ވަނީ އޭނާ މަސައްކަތް ކުރާ ދޯނީގެ ދިރުނބާކޮޅާ ދިމާލުން ބޭރަށްވާ ގޮތަށް ވާގަނޑެއް އެލުވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ބިދޭސީ މީހާއަކީ އެ ދޯނީގައި ފައިބަރުގެ މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާ އުޅުނު ހިސާބުން ދޯނިން ހުސްކޮށްފައި ހުރި ތިން ޕެނަޑޯލް ކާޑާއި އޭނާ ބޯން ކަމަށް ބެލެވޭ ފެންފުޅިއެއްގެ އިތުރުން ހޮޑުލާފައި ހުރި އެއްޗެއް ފެނިފައިވާ ކަމަށް ވެސް ނާސިހް ވިދާޅުވި އެވެ.
ނާސިހް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.